ވިޔަފާރި

އެސްއެމްއީތަކަށް 283.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


ކޯވިޑް19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 283.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ރިކަވަރީ ލޯނު ސްކީމްގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދަނީ ލޯނު ދޫކުރަމުންނެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1720 ފަރާތަކަށް 283.2 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1195 ވިޔަފާރިއަކަށް ދޫކޮށްފައިވާ 267.5 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 525 ފަރާތަކަށް ދޫކުރި 15.7 މިލިއަން ރުފިޔާ ހިމެނެއެވެ.

ކޯވިޑް19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 507 ކަނބަލަކަށް 106.9 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ މަސައްކަތްކުރާ 103 ކަނބަލަކަށް ހަމަޖައްސާފައިވާ 3.1 މިލިއަން ރުފިޔާއާއި، ވިޔަފާރި ހިންގާ 404 ކަނބަލަކަށް ދޫކޮށްފައިވާ 103.8 މިލިއަން ރުފިޔާ ހިމެނެއެވެ.

ކޯވިޑް19އާ ގުޅިގެން އެސްޑީއެފްސީން ދުކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. 2 ވަނައަށް އެންމެ ގިނައިން ޓޫރިޒަމްގެ ދާއިރާއަށް ލޯނު ދޫކޮށްފައިވާއިރު 3 ވަނައިގައި އުޅެނީ އިމާރާތްކުރުމުގެ ދާއިރާއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.