ޚަބަރު

ކޯވިޑް-19 : ހޯނޑެއްދުއިން 32 މީހުން ބަލިން ރަނގަޅުވެއްޖެ

ގދ.ހޯނޑެއްދުއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެތެރެއިން 32 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ޢާއްމުކޮށްފައިވާ ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުން ދައްކާގޮތުން، މިއަދުވެސްވަނީ މި ބަލިން 7 މީހަކު އެރަށުން ރަނގަޅުވެފައެވެ. އެރަށުގައި މިވަގުތު ތިބީ ބައްޔަށް ޕޮޒިޓިވް 12 މީހުންނެވެ.

ގދ.ހޯނޑެއްދުއަކީ އަތޮޅުތަކުގެ ރަށަކުން އެންމެ ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ރަށެވެ. އެރަށުން މިހާތަނަށް 44 މީހުންވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. ގދ.ހޯޑެއްދޫގައި ބޮޑު ކްލަސްޓަރއެއް އެފެދުނީ ސެޕްޓެމްބަރު 4 ގައި އެރަށުން ޕޮސިޓިވްވި 2 މީހުންގެ ކޮންޓެކްޓުންގެތެރެއިންނެވެ. މި ކްލަސްޓަރގެތެރެއިން ޖުމްލަ 40 މީހުން ޕޮޒިޓިވްވެފައިވެއެވެ.

ޕޮޒިޓިވްވި 2 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 200އަށްވުރެ ގިނަ މީހުން އެރަށުގައި ތިއްބެއެވެ. ގދ.ހޯނޑެއްދުއިން ޕޮޒިޓިވްވި މީހުންގެތެރެއިން މިހާރު ގިނަ ބަޔަކު އަންނަނީ ބަލިން ފަސޭހަވަމުންނެވެ. އެޗްއީއޯސީން ހާމަކޮށްފައިވާގޮތުގައި އެރަށުގެ %6 ގެއިން ކޯވިޑް-19ގެ ޕޮސިޓިވް ކޭސްތައް ފެނިފައިވެއެވެ. އަދި %19 ގޭގައި ބަލިމީހާއާއި ކޮންޓެކްޓްވި މީހުން ތިއްބެވެ.