ޚަބަރު

ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑުކުށެއްގެ ގޮތުގައި ކަނޑައެޅި ބިލު ރައީސް ތަޞްދީޤުކުރައްވައިފި


ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑުކުށެއްގެ ގޮތުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި މިބިލުގައި
ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް މަޖިލީހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުއްވުމުގެ މަޤްސަދުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވި މި ބިލަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް ޤާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި "ޖިނާޢީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކާއި، ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން ފަސް ލައްކަ ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް ވަނީ އިތުރުކޮށްފައެވެ.

ޖިނާއީ ބޮޑެތިކުށްތައް

  • މީހުން މެރުމުގެ ކުށް
  • ރޭޕް ކުރުމުގެ ކުށް
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
  • ޓެރަރިޒަމްގެ ކުށް
  • މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • ޓްރެފިކް ކުރުމުގެ ކުށް
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
  • އެއްލައްކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭކުށް
  • ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
  • ރިޝްވަތުގެ ކުށް
  • ކޮރަޕްޝަންގެ ކުށް

ޖިނާއީ އިޖުރައާތުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙުޤީޤު ކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެ ހާލަތެއްގައި، ކޯޓު އަމުރަކާއި ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ.

އަދި ޝަރީއަތެއްނެތި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާ އިސްލާޙުވެސް ހިމެނެއެވެ. ޤާނޫނަށް މިގެނައި މިއިސްލާހާއެކު ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށް މިއިސްލާހުގައި ވެއެވެ.

އަދި މި ޤާނޫނަށް ގެެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާއި ސުވާލުކުރާ ޙާލަތުގައި، އޭނާ އާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ޤާނޫނުގައި މިހާރުވަނީ ހިމަނާފައެވެ.