ޚަބަރު

"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި


ކޯވިޑް-19ގެ ޙާލަތުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމްކުރާ ޙައްޤުތައް ބަޔާންކޮށް މަޖިލީހުން ފާސްކުރި "ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ބިލު 2020" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވެވި މި އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މި ބިލަށް ގެނައި މުހިއްމު އިސްލާޙްތަކުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގައި މުސާރައިން ނުކެނޑޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެ އިތުުރުން ކޯވިޑް-19ގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށްވެސް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުމަށްވެސް ކޮމިޓީންވަނީ ބިލަށް އިސްލާޙް ގެންނަވާފައެވެ.

ޖުމުލަ 12 އިސްލާހެއް މި ބިލަށް ހުށައަޅާފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން، ޟަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުޞޫލުތައް މި ޤާނޫނުގައި ވަނީ ހިމަނާފައިވެއެވެ.


މީގެ އިތުރުން، ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި އެކަށައަޅަންޖެހޭ ޚާއްޞަ އުޞޫލުތައް އެކަށައެޅުމްވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަނެއެވެ.

މި ބިލު ޤާނޫނަކަށްވުމަށްފަހު، ޢަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ނުވަތަ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ ފަސްދޮޅަސް ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ. އެއަށްފަހު މި ޤާނޫނު އުވިގެންދާނެއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި ގުޅިގެން މިޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.