ޚަބަރު

އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި


އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި، މިއަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

މި އިޞްލާހުގައިވަނީ އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި ޢަދުލުވެރިކަމާއިއެކު، ތަޢައްޞުބުން އެއްކިބާވެ، ވަކި ނުފޫޒަކަށް ލެނބުމެއްނެތި މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައެވެ. އަދި މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކަށްވެސް އިޞްލާޙު ގެނެސްފައިވެއެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނު ގެޒެޓްގައި ޝާއިޢުކުރުމާއިއެކު، މިހާރުވަނީ ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.