ދުނިޔޭގެ ވިޔަފާރި

ޓްރަމްޕް ބޭނުންވަނީ ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ!


ޓިކްޓޮކް މެޖޯރިޓީ ހިއްސާ ނުވަތަ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ކުންފުނިތަކަކަށް ނުދީ އެ ޤައިމުގައި ޓިކްޓޮކް ބޭނުންނުކުރެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ، ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް، އެމެރިކާގެ ކުންފުންޏެއްކަމަށްވާ އޮރެކަލްއަށް ވިއްކާލުމުގެ އެއްބަސްވުމަށް އެމަނިކުފާނު ރުހުންދެއްވާފައިވަނިކޮށެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް އެމެރިކާ ސަރުކާރުން ޓިކްޓޮކްއަށް ދީފައިވާ ސުންގަޑި މިމަހުގެ 20 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ނަމަވެސް ޓިކްޓޮކްއާއި އޮރެކަލްގެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ރުހުން ދެއްވުމާ ގުޅިގެން، އެއްބަސްވުމާ ގުޅޭ މަސައްކަތްތައް ނިންމުމަށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ޓިކްޓޮކްއަށް ހަފްތާއެއްގެ މުއްދަތު ދީފައެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމޕް ވަނީ މިމަހުގެ މެދާހަމައަށް ދާއިރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޓިކްޓޮކް އެމެރިކާގައި މަނާ ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ހުށަހެޅުންތައް ޤަބޫލުކޮށްގެން ނޫނީ މި އެއްބަސްވުން ޤާއިމު ނުކުރެވޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެގޮތުން ޓިކްޓޮކް ހިންގުމުގެ ފުރިހަމަ ބާރު އެމެރިކާގެ ދެ ކުންފުނި އޮރެކަލްއާއި ވޯލްމާޓްއަށް ނުދީ މި އެއްބަސްވުން ޤާއިމް ނުކުރެވޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އޮރެކަލްއަށް ޓިކްޓޮކްގެ އެމެރިކާގެ އޮަޕަރޭޝަންތައް ވިއްކާލުމުގެ އެއްބަސްވުމެއް ތައްޔާރުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ހިމަނާ ޝަރުތުތަކާއި ގުޅޭގޮތުން ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއާއި އޮރެކަލްއާއި ދެމެދު މިހާރުވެސް ދަނީ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މި އެއްބަސްވުން އެކުލަވާލިޔަސް ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ ބޮޑު ހިއްސާއެއް އަދިވެސް އޮންނާނީ ބައިޓްޑާންސްގެ ނަމުގައިކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ޓިކްޓޮކްގެ 80 އިންސައްތަ ހިއްސާ ބައިޓްޑާންސްގެ އަތުގައި އޮތްއިރު އޮރެކަލްއަށް ދިނުމަށް އެއްބަސްވެފައިވަނީ 20 އިންސައްތަ ހިއްސާކަމަށް ޚަބަރުތައް ބުނެއެވެ. އޮރެކަލްއިންވެސް ވަނީ އެ ކުންފުންޏަށް ލިބެނީ ޓިކްޓޮކްގެ 20 އިންސަތަ ހިއްސާކަން ކަށަވަރުކޮށްދީފައެވެ.

އެހެންނަމަވެސް، އޮރެކަލްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ނެރުއްވި ބަޔާނަކުން މިވަނީ މި މައްސަލަ އިތުރަށް އޮޅުންބޮޅުން ވެފައެވެ. އެގޮތުން އޮރެކަލްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ވަނީ ޓިކްޓޮކްގެ ބޮޑު ހިއްސާއެއް އެމެރިކާއަށް ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ބައިޓްޑާންސްއަށް މި ޑީލްގެ ސަބަބުން ޓިކްޓޮކްގެ ބާރު ގެއްލޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޮރެކަލްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓްގެ މި ބަޔާނާ ގުޅިގެން ބައިޓްޑާންސްއިން ވަނީ އޮރޭކަލްއިން މިފަދަ ދޮގު މަޢުލޫމާތެއް ފެތުރުމުން މިކަމުގައި ޖަވާބުދާރީވުމަށް ގޮވާލާފައެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އޮރެކަލް ކުންފުންޏަށް ވިއްކާލުމަށް ޓިކްޓޮކްއިން އެއްބަސްވުމަކަށް އައިސްފައިވާއިރު، މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ ޗައިނާ ސަރުކާރުން ރުހުންދިނުމުންކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މި އެއްބަސްވުމަށް ޗައިނާއިން ރުހުން ދިނުމަކީ ދުރުކަމެއްކަމަށް ޚަބަރުތައް ބުނެއެވެ.