ޚަބަރު

މަޝްވަރާތަކުގައި އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާނުންނާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް


އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމުގެ މަޝްވަރާތަކުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށް ޚާރިޖީ ފަރާތްތަކުން ބުނެފިއެވެ. އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މާރިޗު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއެކު ޠާލިބާނުން މަޝްވަރާކުރުމަށްވަނީ ޝަރުތުކޮށްފައެވެ. އެކި ސަބަބުތަކާއި ހުރެ މަޝްވަރާތައް ލަސްވުމަށްފަހު ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހުގައި ޤަތަރުގެ ދައުހާގައި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައްވަނީ ފަށާފައެވެ. ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާއި ދެމެދު ގިނަ މައްސަލަތަކުގައި ޚިޔާލު ތަފާތުވެފައިވާކަމަށް މަޝްވަރާތަކުގައި ބައިވެރިވާ ޚާރިޖީ ފަރާތްތަކުންނާއި ނެގޯޝިއޭޓަރުން ބުނެއެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އަފްޣާނިސްތާނުން ހުށަހަޅައިފައިނަމަވެސް ޠާލިބާނުން އެ ހުށަހެޅުމަށް ޢިޖާބަ ދީފައެއް ނުވެއެވެ. އަފްޣާނިސްތާނުގައި ހިންގަމުންދާ ލޭ އޮހޮރުވުންތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އެންމެ ފަހުން ބަދަލުކޮށްފައިވާ ޙަމަލާތަކުގައިވެސް އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ 57 ސިފައިންވަނީ މަރުވެފައެވެ.

ޠާލިބާނު ޖަމާޢަތާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ޚިޔާލު ތަފާތުވެފައިވަނީ ހަމައެކަނި ޙާމަލާ ބަދަލުކުރުމާއި ގުޅޭގޮތުންނެއް ނޫނެވެ. އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުން ފަދަ މައްސަލަތަކުގައިވެސް ދެ ފަރާތުންވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރުންވެސް ޢަމަލުކުރަނީ އިސްލާމްދީނުގެ ހަނަފީ މަޒްހަބަށް ނަމަވެސް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ކަންކަން ދެ ފަރާތުން މާނަކުރަނީ ވަރަށް ތަފާތުކޮށްކަމަށް ޚާރިޖީ ފަރާތަކުން ބުންޏެވެ. އޭގެ ސަބަބުން ކުށްކުރާ މީހުންނަށް އަދަބު ދިނުމާއި އަންހެނުންގެ ހައްޤުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންފަދަ މައްސަލަތަކަށް ދެ ފަރާތުން ހިތްހަމަޖެހޭ ޙައްލެއް ހޯދުމުގައި މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އަފްޣާނިސްތާނުގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ މަޝްވަރާކުރަން ޖެހިފައިވަނީ ގޮތް ދޫނުކުރާ އަދި އުނދަގޫ ބަޔަކާއެކުކަމަށާއި އޭގެ ސަބަބުން މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނިކުންނަމުން ނުދާކަމަށެވެ. އެއާއެކު ފާއިތުވި 20 އަހަރު ހަނގުރާމައިގެ ޙާލަތުގައި އޮތް އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމުގެ މަރުޙަލާ އިތުރަށް އުނދަގޫވެފައިވާކަމަށް ޚާރިޖީ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނު، ސާދިޤު ސިއްދީޤީ ވިދާޅުވީ މަޝްވަރާތަކުގައި ޠާލިބާނުން ގެންގުޅޭ ވިސްނުމާއި ފިކުރަކީ ޤައުމުގެ ރައްޔިތުން އެދޭ ފަދައިން ދާއިމީ ޞުލްޙަ ޤާއިމްކުރުމަށް ހުރަސްއެޅޭ ކަމެއްކަމަށާއި އަފްޣާނިސްތާނުގެ ސިޔާސީ ނިޒާމާވެސް އެއްގޮތް ފިކުރުތަކެއް ނޫންކަމަށެވެ. އަފްޣާނިސްތާނުގެ މަޝްރަހު ދިރާސާކުރައްވާ މިނިވަން އެނަލިސްޓެއްކަމަށްވާ ގްރަހަމް ސްމިތު ވިދާޅުވީ މަޝްވަރާތަކުގެ ފުރަތަމަ ހަފުތާއިންވެސް ކުރިމަތިވާނެ ޖޮންޖުހުންތައް ދައްކުވައިދީފައިވާކަމަށެވެ.