ޚަބަރު

ރައީސް ނަޝީދު މާލެ ވަޑައިގެން މިހާރު ހުންނެވީ ކަރަންޓީނުގައި: މަޖިލިސް އިދާރާ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަޖިލިސް ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ނުރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާކަމަށެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ ގައިޑް ލައިނާއި އެއްގޮތަށް ކަރަންޓީނުގައިކަމަށް މަޖިލިސް އިދާރާއިން ހާމަކުރައްވައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދު މާލެ ވަޑައިގަންނަވައިފި. އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައި" ރައްޔިތުންގެ މަޖިލީހުގެ ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެމަނިކުފާނުގެ މިދަތަރުފުޅުގެ ތެރެއިން ވަނީ މުހިންމު ބައެއް މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ހައިލެވެލް ސެޝަންގައި ބައިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އިނގިރޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި، މަޖިލީހުގެ ހިންގެވުމުގެ ދާއިރާއާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ކޯވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ދިޔައީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގަ އެވެ. މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.