ޚަބަރު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނާއިބު ރައީސް ގޮވާލައްވައިފި


މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ، އެން.ޑީ.އޭގެ ބޯޑާއިއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
 
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެން.ޑީ.އޭ.އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއްކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދީފައިވާކަން ނާއިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން އެން.ޑީ.އޭ.ގެ ބަޖެޓާއި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމަޢާއި އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް ނާއިބް ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
 
މި ބައްދަލުކުރެއްވުމުގައި އެން.ޑީ.އޭ.ގެ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުން ވަނީ، ނާއިބް ރައީސް އެދިވަޑައިގެންނެވިގޮތަށް މަސައްކަތްތައް ބައްޓަންކުރާނެކަމަށާއި، އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
 
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީ އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.