ޚަބަރު

ޤައުމީ ޔުނިވަރސީޓީގެ އެފް.އީ.އެސް.ޓީއަށް ސިސްކޯ އިންސްޓްރަކްޓަރ ޓްރޭނިންގް ސެންޓަރެއްގެ ދަރަޖަ


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ސިސްކޯ އިންސްޓްރަކްޓަރ ޓްރޭނިންގް ސެންޓަރެއްގެ ދަރަޖަ ލިބިއްޖެއެވެ.

ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަރ ޓްރޭނިންގް ސެންޓަރަކީ ސިސްކޯ ސެޓިފައިޑް ކޯސްތައް ހިންގުމަށް ބޭނުންވާ ހުނަރުވެރި މުދައްރިސުން ތަމްރީންކުރާ މަރުކަޒެކެވެ. މިމަރުކަޒުން މިސަރަހައްދަށް ބޭނުންވާ ސިސްކޯ އިންސްޓްރަކްޓަރުން ތަމްރީނުކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެމް.އެން.ޔޫއިން ބުނީ މިއީ ބޭރުގެ ގައުމު ތަކުގެ ދަރިވަރުންނަށް ހުޅުވާލަން ލިބުނު އިތުރު ފުރުސަތެއްކަމަށެވެ.

ސިސްކޯ ނެޓްވޯރކިންގ އެކަޑަމީއަކީ ކޮންޕިއުޓަރ ވިއުގަ ތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީނު ކުރާ މަރުކަޒު ތަކެކެވެ. މިއީ މިދާއިރާގައި މިހާރު ދުނިޔޭގައި އެންމެފާހަގަ ކޮށްލެވޭ ތަމްރީން ދޭ މަރުކަޒެވެ. އަދި ސިސްކޯ ތަމްރީން ތަކަކީ ކޮމްޕިއުޓަރ ވިއުގައަކުން ގުޅާލެވިފައިވާ ކޮންމެ އޮފީހަކަށްވެސް ވަރަށް މުހިއްމު ތަމްރީންތަކެއްކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. އަދި މިހާރު ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކޮންޕިއުޓަރ ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވާ ހުރިހާ ދަރިވަރުން ދަސްވެނިވާނީ އެމް.އެން.ޔޫ އިން ދޭ ސަނަދުގެ އިތުރުން ސިސްކޯ ސެޓިފިކޭޝަން އަކާ އެކުގައިކަމަށެވެ.