ޚަބަރު

ކޮޗިން-ކުޅުދުއްފުށި ކާގޯ ފެރީ ރާއްޖެއަށް ދަތުރު ފަށައިފި


އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ފަށާ ކާގޯ ފެރީގެ ޚިދުމަތުގައި ބޭނުން ކުރާ ފެރީގެ ފުރަތަމަ ދަތުރު ފަށައިފިއެވެ.

މި ބޯޓު ރާއްޖެ އައުމަށް ދަތުރުފަށާފައިވަނީ އިންޑިއާ ކޮޗިން ބަނދަރުންނެވެ.

ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޝިޕިންގގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވަރޗުއަލް ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރު އިފްތިތާޙްކޮށްދެއްވީ އިންޑީއާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ ސްރީ މަންސުޙް އެލް.މަންދަވިއާއެވެ. މި ރަސްމިއްޔާތު ދިވެހިރާއްޖޭގެ ފަރާތުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މި ފެށުނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން މާލޭގެ ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ފަށާ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް އިޤްތިސާދީގޮތުން މުޅިން އާ ހަރުފަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި މިއީ ދެ ޤައުމުގެ ވިޔަފާރިގެ ގުޅުން އިތުރަށް ބަދަހިވެ، މެރިޓައިމް ދާއިރާ ފުޅާކުރުމަށްވެސް ހުޅުވިގެން ދިޔަ ދޮރެއްކަމަށް ވިދާޅުވިއެވެ.

"މިގޮތަށް ވަކި ޤައުމަކުން ސީދާ އަތޮޅުތަކުގެ ރަށަކަށް މުދާ އެތެރެކޮށް ބޭރުކުރެވޭގޮތަށް ފެށި ފުރަތަމަ ޚިދުމަތް މި ފެށުނީ. އުންމީދަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މިފަދަ އިޤްތިސާދީ ފަހިގޮތްތައް ހޯދައިދިނުން. މިއީ ސަރުކާރެ ލާމަރުކަޒީ ނިޒާމުގެ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ލިބޭނެއެވެ. އަދި އިންޑިއާ މެދުވެރިކޮށް ޔޫރަޕަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި ހެޔޮއަގުގައި މުދާ އެތެރެކުރުމާއި، އައު ވިޔަފާރިތައް އުފެދި މުޅި އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި މަސައްކަތް ފެއްޓެވުމަށް އިންޑިއާއިން ދެއްވި އެޙީތެރިކަމަށް ފާހަގަކުރައްވައި، މިނިސްޓަރ ނަހުލާ ވަނީ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޝިޕިންގ ސްރީ މަންސުޙް މަންދަވިޔާ ވަނީ، މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިޢުލާނު ކުރިތާ އެއް މަސްދުވަހުތެރޭގައި ޚިދުމަތް ފެށިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއި ރާއްޖެ އާއި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މިއަހަރު އެކި ގޮތްގޮތުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެވޭތީ އުފާކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި މި ފެށި ޚިދުމަތަކީ މުޅިން އަލަށް ފެށުނު ޚިދުމަތަކަށް ވީނަމަވެސް، ކުރިއަށް އޮތްތާނގައިވެސް މި ދާއިރާ އިތުރަށް ފުޅާކުރުމުގައި އިންޑިއާއިން އެހީވާނެކަމަށް ވިދާޅުވިއެވެ.

"ކޯވިޑް19ގެ ސަބަބުން އިޤްތިޞާދީ ބޮޑެތި ކޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއް މިއީ. ނަމަވެސް މި ޙާލަތުގައިވެސް މަސައްކަތްމިކުރަނީ ދެޤައުމުގެ ގުޅުން ބަދަހިކޮށް މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށްގެންދިއުމަށް." ޑރ.މަންސޫޙް މަންދަވިޔާ ވިދާޅުވިއެވެ.

ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފައެވެ.

ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓު ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އަދި 28 ގައި މާލެއަށް ބަނދަރުކުރާނެއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.