ޚަބަރު

ތިން ބިލެއް ރައީސް ތަސްދީޤްކުރައްވައިފި


ތިން ޤާނޫނަކަށް ގެނައި އިޞްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ. ރައީސް މިއަދު ތަސްދީޤްކުރެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ. މި އިސްލާޙުތަކަކީ މިނިވަން ކޮމިޝަންތައް އެކުލަވާލުމުގައްޔާއި، މެމްބަރުންނާއި، ރައީސުން ކަނޑައަޅާއިރު ހުރިހާ ކޮމިޝަންތަކަކަށްވެސް އެއްމިންގަނޑަކުން އެއް އުސޫލުކުން ޢަމަލުކުރުމަށް މަޖިލީހުން ގެނެސްފައިވާ އިޞްލާހުތަކެކެވެ.

ރައީސް ތަސްދީޤްކުރެއްވި އިޞްލާޙުގެ ބިލުތަކުގައި ވަނީ، އެ ކޮމިޝަންތަކުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަންގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިޞްލާޙުގައި ބާރުއަޅައެވެ. މިގޮތުން، ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިޞްލާޙުގައި ފާހަގަކޮށްފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް މި އިޞްލާޙުގައި އިތުރުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަސްދީޤުކުރެއްވުމާއި ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނުތަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.