ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުން "ވީއޭޓީ ފްރީ ޝޮޕިންގ" އުވާލަނީ


އިނގިރޭސިވިލާތުން ވިޔަފާރިކުރާ ފަތުރުވެރިންނަށް ޓެކްސް ދިނުމުގައި ދީފައިވާ ލުއިތައް އުވާލުމަކީ އެތައް ބިލިއަން ޕައުންޑެއްގެ ގެއްލުންވާނެ ކަމެއްކަމަށް އެ ޤައުމުގެ ވިޔަފާރި ކުންފުނިތަކުން ބުނެފިއެވެ.

މިފަދައިން އިނގިރޭސިވިލާތުގެ ކުންފުނިތަކުން ބުނެފައި މިވަނީ، މިއަހަރު ނިމުމުން ވިލާތުގެ ޤައުމުތައް ފިޔަވާ އެހެން ޤައުމުތަކުގެ ފަތުރުވެރިންނަށް ޓެކްސް ދިނުމުގައި ދީފައިވާ ލުއި ނުވަތަ "ވީއޭޓީ ފްރީ ޝޮޕިންގ" އުވާލުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެނެވެ.

"ވީއޭޓީ ފްރީ ޝޮޕިންގ"ގެ ސަބަބުން އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ ފަތުރުވެރިން އިނގިރޭސިވިލާތުން ގަންނަ މުދަލުން ނަގާ ވެލިއު އެޑެޑް ޓެކްސް އެއަރޕޯޓަށް ދިއުމުން އަނބުރާ ލިބިގެންދާނެއެވެ. އެގޮތުން އިނގިރޭސިވިލާތުން ގަންނަ މުދަލުގެ ތެރެއިން އެ ޤައުމުން ބޭރަށް ގެންދާ މުދާ ބިލްކޮޅާއެކު ހުށަހެޅުމުން، ޓެކްސްގެ ގޮތުގައި އެ ފަރާތްތަކުން ދެއްކި ފައިސާ އަނބުރާ ލިބެއެވެ.

އިނގިރޭސިވިލާތުގެ ވިޔަފާރިވެރިން އިނގިރޭސި ޗާންސެލަރއަށް ފޮނުވި ސިޓީއެއްގައި ބުނީ އިނގިރޭސިވިލާތުން "ވީއޭޓީ-ފްރީ ޝޮޕިން" ހުއްޓާލަން ނިންމުމުން އެ ޤައުމުގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެކަމަށެވެ. އެގޮތުން މިކަމުގެ ސަބަބުން އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށަށް ދާނެކަމަށް ސިޓީގައި ބުނެފައިވެއެވެ.

ބޮޑެތި ވިޔަފާރިތައްކަމަށްވާ، މާކް އެންޑް ސްޕެންސަރ، ހީތްރޯ އެންޑް ސެލްފިޖެސްއިން ފޮނުވި މި ސިޓީގައި ވަނީ މި ފިޔަވަޅުގެ ސަބަބުން 70 ހާސް މީހުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ބުނެފައެވެ. އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން އިނގިރޭސިވިލާތް ވެގެންދާނީ ޔޫރަޕްގައި މި ލުއި ނުދޭނެ ހަމައެކަނި ޤައުމަށްކަމަށްވެސް ވިޔަފާރިވެރިން ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން ވިޔަފާރިކުރާ އީޔޫނޫން ޤައުމުތަކުގެ ފަތުރުވެރިންނަށް ޓެކްސް ދެއްކުމުގައި ދީފައިވާ ލުއިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް 3.5 ބިލިއަން ޔޫރޯގެ ވިޔަފާރި މި ފަތުރުވެރިން ކުރެއެވެ. މިކަމުގެ ސަބަބުން އެ ޤައުމުގެ ވިޔަފާރީގެ ސިނާއަތުގެ ފުޅާވުމަށް އެހީވާކަމަށް އިނގިރޭސިވިލާތުގެ ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ "ވީއޭޓީ ފްރީ ޝޮޕިންގ"ގެ ސަބަބުން ބައެއް ޚަރަދުތައް ބޮޑުވަމުންދާކަމަށެވެ. އަދި އޮޅުވާލުމާއި ފްރޯޑްގެ މުޢާމަލާތް ހިންގުމުގެ ފުރުސަތުވެސް ބޮޑުކޮށްދޭކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.