ޚަބަރު

އޯތޮޕީޑިކްގެ މަސައްކަތް ތަރައްޤީކުރުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނަން - ނައިބް ރައީސް


ރާއްޖޭގައި ކަށީގެ ބަލިތަކުގެ ދާއިރާއިން މީހުން ބިނާކޮށް ތަމްރީނުކޮށް އެދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލެއްވުމާއި، އެހީތެރިކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވަނީ މިއަދު މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ދާއިރާއިން މީހުން ބިނާކުރުމާއި ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުން އިސްނަންގަވައިގެން އެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށް ޤައުމީ ރޫހެއްގައި މަސައްކަތް ކުރައްވާތީ އެކަމާ އުފާކުރައްވާކަމަށާ އަދި ސަރުކާރުގެ އެންމެ އިސް އެއް އަމާޒަކީ ވެސް ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެން މީހުން ބިނާކުރުމަށް އިސްކަންދީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ، ރާއްޖޭގެ ކަށީގެ ބަލިތަކާ ގުޅޭ ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އެ ޕްރެޒެންޓޭޝަންގައި އެބޭފުޅުން ފާހަގަކުރެއްވެވި ކަންތައްތަކުގެ ތެރޭގައި ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަކަން ފާހަގަކުރައްވައި، އެކަށީގެންވާ ފަރުވާ ދިނުމަށް ބޭނުންވާ މިންވަރަށް ކަށީގެ ޚާއްޞަ ޑޮކްޓަރުން ލިބެންނެތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެ ބޭފުޅުން ވަނީ މި ދާއިރާއިން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުން ވަނީ ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށާއި، ރާއްޖޭގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކޮށް އެ ދާއިރާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ.