ޚަބަރު

ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް ޤައިދީންނާއި ބަންދު މީހުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި


ކޯވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލާފައިވީ "ޤާނޫނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު" ގެ ދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ކަރެކްޝަނުން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު" ގެ ދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުން، މެދުކަނޑާލާފައިވީނަމަވެސް، އެކަން ނިމުމަކަށް ގެނެސް މާދަމައިން ފެށިގެން އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

އަދި މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗް.ޕީ.އޭ އިން ނަގަންޖެހޭ ހުއްދަ ނަގަންޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށާއި ޖަލަށް ޒިޔާރަތްކުރުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެސް ކަރެކްޝަނުން ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ވީޑިއޯ އަދި ފޯނު ކޯލް މެދުވެރިކޮށް، ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޖަލުގައި ތިބި ފަރާތްތަކާ ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކަރެކްޝަންސްން ހާމަކޮށްފައިވެއެވެ. އަދި އެއްވެސް ޖަލަކުން ކޯވިޑް-19 ގެ ކޭސްއެއް ފެނިއްޖެ ނަމަ ޖަލަށް ޒިޔާރަތްކޮށްގެން ބައްދަލުކުރުމުގެ އިންތިޒާމް މެދުކަނޑާލެވޭނެ ކަމަށްވެސް ކަރެކްޝަނުން ހާމަކުރެއެވެ.

ޤާނޫނީ ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް "ޤާނޫނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު"އާ އެއްގޮތަށް "ޤާނޫނީ ވަކީލުންނާ ބައްދަލުވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް ކުރުމުން، ހަމަޖައްސާފައިވާ އުސޫލާއެއްގޮތަށް ބައްދަލުވުން ހަމަޖެހިގެންދާނެ ކަމުގައި ކަރެކްޝަންސްއިން ހާމަކޮށްފައިވެއެވެ.