އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް މުދާ ގެންނަ ކާގޯ ފެރީގައި 380ކޮންޓެއިނަރުގެ މުދާ އެއްފަހާ ގެނެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ރާއްޖެ އަންނަ ފުރަތަމަ ފެރީ ބޯޓުގެ ޓުޓުކޮރިންއިން ފުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އިންޑިއާއި ރާއްޖެ އާއި ދެމެދު ފަށާ ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ބޯޓަށް ރާއްޖެއަށް އާދެވޭނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މި ބޯޓަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.
މި ބޯޓުގައި 20ފޫޓު، 8ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ ކާގޯފެރީ ޚިދުމަތް ފަށާއިރު، އިންޑިއާއިން މި ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ ޓްރޭޑިން ޕާޓްނަރުންގެ ލިސްޓުގެ 4 ވަނައިގައި އޮންނަ ޤައުމެވެ. މި ކާގޯ ފެރީ ސާވިސް ގެ އަމާޒަކީ ދެގައުމުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން ބަދަހިކޮށް ދެފަރާތަށް މުދާ އުފުލައި ބަދަލުކުރުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމެވެ.
ދެގައުމުގެ މެދުގައި ކާގޯ ފެރީ ސަރވިސްގެ ޚިދުމަތް ޤާއިމް ކުރުމަށް އިންޑިއާގެ ޝަޢުޤުހުރިކަން ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަތަމަ އިއުލާނުކުރެއްވީ ޖޫން 2019 ގައި އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަމަ މިދަތުރުފުޅުގައި މި މަޝްރޫއު އާއި ގުޅޭ އެމް.އޯ.ޔޫ ގައި އިންޑިއާގެ މިނިސްޓްރީ އޮފް ޝިޕިން އާއި ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގެ ފަރާތުން ސޮއިކުރެވުނެވެ. 13 އޮގަސްޓް 2020 ގައި ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރާއި އެކު ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ކާގޯ ފެރީ ސާވިސް ފެށުމަށް ތައްޔާރުވެފައިވާކަން އިއުލާނު ކުރެއްވިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ވަރޗުއަލް ރަސްމިއްޔާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޓްރާންސްޕޯޓް ދާއިރާގެ އިސް ފަރާތްތަކާއި، އިންޑިއާ ސިޕިންގ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.