ޚަބަރު

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރާއިއެކު މަޝްވަރާކޮށްފި


ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން، ތަޢުލީމީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢު އާއި ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޢަލީއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.


އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، މިއީ މިފަދަ ދަނޑިވަޅެއްގައި މިއީ ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް ގޭގައި ތިބެގެން ތަޢުލީމު ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، ސްކޫލުތަކުން މި ޚިދުމަތް ދިނުމަށް ބޭނުންވާނަމަ، މިނިސްޓްރީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސުކޫލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ތަޢުލީމު ފޯރުކޮށްދިނުމުގައި، ގިނަ ސްކޫލްތަކަކުން މިފަދަ އުފެއްދުންތެރި ޚިދުމަތްތަކުގެ ބޭނުން ކުރާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުންގެ މެމްބަރުން ވިދާޅުވީ، މިފަދަ ޕްރޮޖެކްޓެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޢާންމުންނަށް ކިހާ ބޭނުންތެރި ޚިދުމަތެއްތޯ ދެނެގަތުމާއި، މިފަދަ ޚިދުމަތެއް ދޭ އިރު ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރކުރާނެ ގޮތް ދެނެގަތުން ކަމަށެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާނެ އުފެއްދުންތެރި މީހުން ބިނާކުރުން ކަމަށެވެ.

މި ޕްރޮޖެކްޓް އެންމެ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވޭނީ އެޑިޔުކޭޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު ކަމަށް ވިދާޅުވެ، މިކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމަށް ކޮމިޝަން މެމްބަރުން އެދިވަޑައިގަތެވެ. އަދި މި ޕްރޮޖެކްޓް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުންވެސް އެޑިޔުކޭޝަން މިނިސްޓަރާއިއެކު ކޮމިޝަނުން މަޝްވަރާކުރިއެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޕައިލޮޓް ޕްރޮޖެކްޓް ގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުނ ރ. ދުވާފަރު ޕްރައިމަރީ ސުކޫލަށް ކޮމިޝަނުން ވަނީ ހުއްދަދީފައެވެ. މިއީ މި ޕްރޮޖެކްޓްގެ ދަށުން ދޫކުރި ފުރަތަމަ ހުއްދައެވެ. ދުވާފަރު ޕްރައިމަރީ ސުކޫލަށް ދޫކޮށްފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދައިގެ ދަށުން ޚިދުމަތް ދޭނީ ރ. ދުވާފަރު ސަރަޙައްދަށްކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއެވެ.