ވިޔަފާރި

ފްލައިދުބާއީގެ ދަތުރުތައް އަންނަމަހު ރާއްޖެއަށް އަލުން ފަށަނީ


ފްލައިދުބާއީއިން ރާއްޖެއަށް އަންނަ އޮކްޓޯބަރމަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް ހަމަޖައްސައިފިއެވެ.

އެ އެއަރލައިނުން 2013 އިން 2018 އަށްވެސް ވަނީ ރާއްޖެއަށް ދަތުރުތައް ކޮށްފައެވެ.

ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން ބުނީ އޮކްޓޯބަރމަހުގެ 27 ވަނަ ދުވަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް އަލުން ފަށާނެކަމަށެވެ. ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ޑިމާންޑްގެ ސަބަބުންކަމަށް އެ އެއަރލައިނުން ބުނެއެވެ.

ފްލައި ދުބާއީއިން ރާއްޖެއަށް ދަތުރުތައް ފަށާއިރު ހަފްތާއަކު 4 ދުވަހު ދުބާއީން ރާއްޖެއަށް ދަތުރުކުރާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ފްލައިދުބާއީގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ، ގިނަ ޤައުމުތަކަކުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އުވާލަންފެށުމާއިއެކު ބައިނަލްއަޤްވާމީ އުދުހުންތައް ފެށުމަށް މަގުފަހިވާން ފަށާފައިވާކަމަށެވެ. އަދި ދާއިރާގެ ފަރާތްތަކާއި ގުޅިގެން ގިނަ މީހުންނަށް އިތުބާރާއި ޔަޤީންކަމާއިއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފްލައިދުބާއީން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާއިއެކު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ކޯވިޑް19 ގެ ސަބަބުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ވަނީ ގިނަ ދުވަސްތަކަކަށް ހުއްޓިފައެވެ. ޖުލައިމަހުން ފެށިގެން ފްލައިދުބާއީއިން އަންނަނީ އެ އެއަރލައިނުން ކުރިން ދަތުރު ކުރަމުންދިޔަ މަންޒިލްތަކަށް ދަތުރުތައް ފަށަމުންނެވެ. އަދި އެ އެއަރލައިނުން ދަނީ ކާގޯ ފްލައިޓްތައްވެސް އޮޕަރޭޓްކުރަމުންނެވެ.