ށ.ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެމަފިރިން ކޯވިޑް-19 އިން ރަނގަޅުވުމާއި ގުޅިގެން ދޫކޮށްލައިފިއެވެ.
ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔައީ ނ މާޅެންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމަފިރިއަކަށެވެ. އެ ދެމަފިރިން ފުނަދޫއަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ. މި ދެމަފިރިން އިތުރުފަރުވާއަށް ފެސިލިޓީއަށް ގެނެސްފައި ވަނީ އަންހެން މީހާއަށް ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒަމްރަތު ވިދާޅުވީ އެ ދެމަފިރިންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވަނީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ކަމަށެވެ. ކޮވިޑް ފެސިލިޓީން ފަރުވާ ދީފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނަކަށާއި 54 އަހަރުގެ އަންހެނަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމްރަތު ވިދާޅުވީ އެ ފެސިލިޓީއަށް ފަރުވާދިނުމަށް ގެންނަނީ ބަލީގައި ބޮޑުވަރުވާ މީހުންނަށާއި ހައިރިސްކް މީހުންކަމަށެވެ. އަދި ފަރުވާދިނުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވަމުން ނުދާކަމަށް އޭނާވިދާޅުވިއެވެ.
މިހާތަނަށް އައިރު ފުނަދޫ ކޯވިޑް ފެސިލީޓިން ވަނީ ކޯވިޑް-19 ޖެހުނު 4 މީހަކަށް ފަރުވާދީފައެވެ.
ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ.