ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދެއްވި 250 މިލިއަން ޑޮލަރުގެ މާލީ އެހީއަށްޓަކައި އިންޑިއާ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ޝުކުރުއަދާކުރައްވައިފިއެވެ.
އިންޑިއާއިން ރާއްޖެއަށް ދިން 250 މިލިޔަން ޑޮލަރު ނުވަތަ 3.85 ބިލިޔަން ދިވެހި ރުފިޔާގެ ލޯނުގެ ލިއުން ރާއްޖެއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފައިވާއިރު، އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެކުވެރި ރަޙްމަތްތެރިއަކަށް ބޭނުންވި ކޮންމެ ވަގުތެއްގައި އިންޑިއާއިން ތެދުވެ ރާއްޖެއާއެކު އޮންނަކަމަށެވެ.
އަދި މިވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ އިތުރުން އެޤައުމުގެ ސަރުކާރަށް ރައީސް ޞާލިޙް ޝުކުރުޢަދާކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ޚަވާލުވެވަޑައިގަތް ފަހުން އިންޑިޔާއިން ރާއްޖެއަށް ދެމުންދާ މާލީ އެހީތެރިކަމަކީ ރާއްޖޭގެ ތާރީޙުގައިވެސް އެއް ޤައުމަކުން ރާއްޖެއަށް ވެދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ މިއަދު ވިދާޅުވެފައެވެ.
އަދި ކޯވިޑް-19 އާއިއެކު މުޅި ދުނިޔެ ބަންދުވެ ދަތުރު ފަތުރު ނުކުރެވޭ ހާލަތަށް ދިޔައިރުވެސް ދިވެހިންގެ އެކުވެރި ޤައުމުތަކުގެ ދޮރުތައް ދިވެހިންނަށް ބަންދު ނުވާނެކަމުގެ ފުރިހަމަ މިސާލު އިންޑިއާއިން ދައްކުވައި ދީފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސްވަނީ ވިދާޅުވެފައެވެ.