ތަރައްްޤީ

ގުޅީފަޅަށް ޕޯރޓު ބަދަލުކުރުމާމެދު އާއްމުންގެ ޚިޔާލު ހޯދަން ސަރވޭއެއް ފަށައިފި


ގުޅީފަޅުގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީކުރުމާގުޅޭގޮތުން އާއްމުން ދެކޭގޮތް ބެލުމަށް ޚާއްސަ ސަރވޭއެއް ފަށައިފިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ސަރވޭއަކީ ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގްރޫޕް، ލަމަޔަރއިން އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ސަރވޭއެކެވެ. ލަމަޔަރއަކީ ގުޅީފަޅު އިންޓަރނޭޝަނަލް ޕޯރޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އީ.އައި.އޭ ކޮންސަލްޓަންޓެވެ. އަދި މި ސަރވޭއަކީ މި މަޝްރޫޢަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ސަރވޭއެކެވެ.

މި ސަރވޭއަކީ މާލޭގެ ޕޯޓުތަކުގައި ދެވޭ ޚިދުމަތްތައް ގުޅީގަޅަށް ބަދަލުކުރުމުގެ މަޝްރޫޢު ރާވާފައިވާ ގޮތާމެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ސަރވޭއެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމަޢުއަށް އަސަރު ފޯރާނޭ މިންވަރާމެދު އާއްމުން ދެކޭގޮތް ބަލާނެކަމަށްވެސް މި ސަރވޭ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ގުޅީފަޅުގައި އިންޓަރނޭޝަނަލް ޕޯރޓް ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ މާލޭ ސަރަޙައްދުގައި މިހާރު ހުރި ހުރިހާ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ގުޅީފަޅަށް ބަދަލުކުރުމެވެ.

މާލޭގެ ވިޔަފާރި ބަނދަރުތަކުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ބަނދަރުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތަކަކާ ކުރިމަތިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ބަނދަރުތަކުން ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްވެސް ބޮޑު ހުރަސްތަކެއް އެޅިފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ގުޅީފަޅުގައި އިންޓަރނޭޝަނަލް ޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މިކަންކަމަށް ޙައްލެއް ހޯދުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން މާލޭ ކޮމާރޝަލް ހާރބަރ، ނޯތު ހާރބަރ އަދި ޓީ-ޖެޓީ ސަރަޙައްދުގެ ބައެއް ޚިދުމަތްތަކާއި މަސައްކަތްތައް ގުޅިފަޅު ޕޯރޓް 2023 ގައި ހުޅުވުމުން އެ ސަރަޙައްދަށް ބަދަލުކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ޕޯޓް ބޭނުންކުރަން ފެށުމުން މާލޭގެ ބަނދަރުތަކުގެ ޖާގަ ތަނަވަސްވެ، މަސައްކަތްތަކަށް ފަސޭހަވުމުގެ އިތުރުން، އަލުން ތަރައްޤީ ކުރުމަށް ޖާގަ ލިބިގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.