ވިޔަފާރި

މަސްވެރިން ކިރާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށް ބަދަލުގެނެސްފި


މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް، މަސްވެރިން ކިރާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެންނަވައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރި އިޢުލާނުގައި ބުނީ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް މުރާޖަޢާކޮށްފައިވާކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ގެންނެވި ބަދަލުތަކުގެ ތެރޭގައި 7 ރުފިޔާއަށް ގަންނަމުން ދިޔަ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަހުގެ ކިލޯއެއްގެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި ހަމަޖައްސާފައިވާ 3 ރުފިޔާ 60 ލާރި ވަނީ 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން އަދި އެމަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން 24 ސެޕްޓެމްބަރުން ފެށިގެން މަސް ގަންނަންޖެހޭނީ ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

މިސިޔާސަތަކީ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓްކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތަކަށްވުމުން، މަސް ކައްކާ ހިއްކާ ފަރާތްތަކުން އަދި މިނޫންވެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލުކުރާކަށް ނުޖެހޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ޚަރަދުގެ މައްޗަށް ރިޢާޔަތްކޮށް ކަނޑައަޅާ ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖަޢާ ކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.