ޚަބަރު

ކްރިމިނަލް ކޯޓަށް 2013 ވަނަ އަހަރުގެ ކުރިން ހުށައަޅާފައިވާ ހުރިހާ މައްސަލަތަކެއް ނިންމައިފި


ކްރިމިނަލް ކޯޓަށް 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތަކެއް މިހާރު ނިމިފައިވާކަމަށް އެ ކޯޓުން ހާމަކުރައްވައިފިއެވެ.

ކްރިމިނަލްކޯޓުގައި ނުނިމި އެތައް އަހަރެއްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި ހުށައަޅާފައި ވާއިރު، ގިނަދުވަސްވީ މައްސަލަތައް ނިންމުމަށް އެކޯޓުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަަސައްކަތް ކުރަމުންނެވެ. އެކޯޓުން މިއަދު ހާމަކުރި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަވަހަށް މައްސަލަ ނިންމައި ގިނަ ދުވަސްވީ މައްސަލަތައް މަދު ކުރުމަކީ އެ ކޯޓުން މިހާރު ވަރަށްބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމެއްކަމަށެވެ.

"ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް މިކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރުވަނީ ނިންމާފަ" ކްރިމިނަލް ކޯޓުން މިއަދު ކުރި ޓްވީޓްގައި ވެއެވެ.

ކްރިމިނަލްކޯޓުގައި ނުނިމި އެތައް އަހަރެއްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި އެކޯޓަށް ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފަ އެވެ.

ކޯޓްތަކުގައި ނުނިމިހުރި މައްސަލަތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާއި އެމައްސަލަތަކަށް ހައްލުގެނައުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް އޭރު ވިދާޅުވީ ޝަރީއަތް ނުނިމި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 55އަށްވުރެ ގިނަ މައްސަލަ ކްރިމިނަލްކޯޓްގައި އޮތް ކަމަށެވެ.

ކްރިމިނަލް ކޯޓްގައިހުރި މައްސަލަތައް އަވަސްކޮށް މައްސަލަތައް ނިންމުމަށް މަސައްކަތް ކުރާނެ ޕްލޭނެއް އެކުލަވާލައި އެއަށް އަމަލުކުރަމުން ދާއިރު އެކޯޓްގައި 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 300 އަށްވުރެ ގިނަ މައްސަލަ މަޑުޖެހިފައި ވާކަމަށާއި އެ މައްސަލަތައް އަވަސްކުރުމަށް 9 ފަނޑިޔާރުންނަށް ޚާއްސަ ތާވަލެއްގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ އެ މައްސަލަތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް ޕީޖީ ޝަމީމްވަނީ އޭރު ވިދާޅުވެފައިވެއެވެ.