ކުޅިވަރު

އިތުރު ދެ މަސްދުވަހަށް އަގުއޭރޯ ކުޅުމާ ދުރަށް


މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ލިބުނު އަނިޔާ ރަނގުޅުނުވެ އަނެއްކާވެސް އިތުރު ދެމަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

މެންޗެސްޓަރ ސިޓީއަށް ބަދުލިވިފަހުން އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަ އާޖެންޓީނާގެ ފޯވާޑް އެންމެފަހުން އަނިޔާވީ މިދިޔަ ޖޫން މަހު ޕްރިމިއަރ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅެނިކޮށެވެ. އުމުރުން 32 އަހަރު ފޯވާޑަށް އަނިޔާވެގެން މިދިޔަ ސީޒަނުގައި ސިޓީން އެންމެ ފަހުން ކުޅުނު 10 މެޗު ގެއްލުނުއިރު ޗެމްޕިއަންސް ލީގުގައި ސީޓީ ކުޅުނު ދެ މެޗުގައިވެސް އަގުއޭރޯ ކުޅެފައެއް ނުވެއެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަނިޔާގެ ސަބުބުން ކުޅުންތެރިޔާ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. ގާޑިއޯލާ ބުނީ އަގުއޭރޯ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް ޓީމާއެކު ކުރިޔަށްދާ އެއްވެސް ތަމްރީނެއްގައި ބައިވެރި ނުވާކަމަށެވެ. ކުޅުމާއި ދުރުގައި ހުންނަ ޖެހުމުން ކުޅުންތެރިޔާގެ ފިޓްނަސް ދަށްވެފައިވާ ކަމަށް ގާޑިއޯލާ ބުންޏެވެ.

އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވާތީ އަންނަ އަހަރު ކޮންޓްރެކްޓް ހަމަވާ އަގުއޭރޯ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ވިއްކާލުމަށް ތައްޔާރުވަމުންދާ ކަމަށް އިނގިރޭސި މިޑިޔާ ރިޕޯޓުތައް ބުނެއެވެ.