ތިމާވެށި

މޫސުމާއި ފެނުގެ ރައްކާތެރިކަމާ ގުޅޭ ވޯކުޝޮޕެއް ބާއްވައިފި


ކްލައިމެޓް އެންޑް ވޯޓަރ ސެކިއުރިޓީ އިން ދަ މޯލްޑިވްސް ނުވަތަ މޫސުމާއި ރާއްޖޭގެ ފެނުގެ ރައްކާތެރިކަމުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ފައުންޑޭޝަން ފޮރ އެންވަޔަރމަންޓް ކްލައިމެޓް އެންޑް ޓެކްނޮލޮޖީ މޯލްޑިވްސް – އެފް.އީ.ސީ.ޓީ- އާއި ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމެކެވެ.މި މަސައްކަތު ބައްދަލުވުމުގައި މޫސުމަށް އަންނަބަދަލުތަކާއި ރާއްޖޭގެ ރަށްތަކަށް ފެންލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.މީގެ އިތުރުން މޫސުމަށް ކުރާ އަސަރުތަކާއި ރާއްޖެއިން މޫސުމާއި ގުޅޭގޮތުން ކުރެވޭ މަސައްކަތްތަކާއި، ރާއްޖޭގައި ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން މި މަސައްކަތު ބައްދަލުވުމުގައި ވަނީ ވާހަކަދައްކާފައެވެ.މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަމާއި ބެހޭ މާހިރުން އެއްތަނަކުން ބައްދަލުވެ، މިދާއިރާއިން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ، އިތުރަށް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދިރާސާތަކާއި ގުޅޭ ގޮތުން މަޝްވާރާކުރުމަށްޓަކައި ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެއްކަމަށް ދިވެހި ޤައުމީ ޔުނިވާސިޓީން މައުލޫމާތުދެއެވެ.އެއްދުވަހުގެ ނިޔަލަށްކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ސްކޫލުތަކާއި މި ކަމާއި ގުޅޭ ދާއިރާތަކުން މީހުން ބައިވެރިވެފައިވެއެވެ.