ކުޅިވަރު

ޒުވާން ކުޅުންތެރިންނާއެކު ނުކުމެ ޑޯޓްމަންޑުން ލީގުގެ ފެށުން ރަނގަޅުކޮށްފި


ޖަރުމަނު ބުންޑެސް ލީގުގައި ޒުވާން ކުޅުންތެރިންނާއެކު ނުކުމެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މި މެޗު ޑޯޓްމުންޑުން ކާމިޔާބުކުރީ މޮއެންޗެންގްލަބަޗާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޑޯޓްމަންޑުން ކާމިޔާބުކުރީ މެޗުގެ 35 މިނެޓުގައި ޖޯޑަން ސަންޗޯގެ ދިން ބޯޅައަކުން މި ސީޒަނުގައި ޓީމާ އަލަށް ގުޅުނު އުމުރުން 17 އަހަރުގެ ޖިއޮވާނީ ރޭނާއެވެ. ޑޯޓްމަންޑުގެ ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. ހާލަންޑް ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނެޓްގައެވެ. ފަހު ލަނޑު ހާލަންޑް ކާމިޔާބުކުރީ ސަންޗޯގެ ދިން ބޯޅައަކުން މެޗުގެ 78 ވަނަ މިނެޓުގައެވެ.

މި މެޗު ބެލުމަށް ދިހަހާސް ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ. މިމެޗުގައި އިނގިރޭސި ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ވަނީ ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ މެޗެއްގައި ކުޅެފައެވެ. އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ ޓީމާ ގުޅުނީ އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ބާމިންގހަމް ސިޓީން މި ސީޒަނުގައެވެ.

މި މެޗުގެ އިތުރުން ބުންޑެސް ލީގުގައި ސްޓުޓްގާޓް މައްޗަށް ފްރެއިބާގުން ކުރި ހޯދިއިރު ހާތާބާލިން އާއި ވާދަކޮށް ވާޑަރ ބްރޭމަން ވަނީ ބަލިވެފައެވެ.