މާލޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ޙާދިސާއަށް މިއަދު އަހަރެއްވެފައިވާއިރު އަދިވެސް މިޙާދިސާގައި ގެއްލުން ލިބުނު 6 ޢާއިލާގެ މީހުނަށް ގެއްލުންތަކުން އަރައިގަނެވިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ޢާއިލާތަކަށް ސަރުކާރުން ވަނީ އެހީގެ ގޮތުގައި 6.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.
ހ.ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި މިއަލިފާނުގެ ޙާދިސާގައި ޖުމްލަ ހަތްސަތޭކަ އަށްޑިހަ ހަމީހަކަށް އަސަރުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ ހާމަކުރައްވާފައެވެ. މީގެތެރެއިން 7 ޢާއިލާއަކަށް ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. މިދިޔަ އޯގަސްޓްމަހުގެ ނިޔަލަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ބޯހިޔާވަހިކަމުގެ މުއްދަތު ހަމަވެފައވާއިރު އެމުއްދަތުގެތެރޭގައި އާއްމު ދިރިއުޅުމަށް އެނބުރިގޮސްފައި ވަނީ އެންމެ ޢާއިލާއެކެވެ. މީގެތެރެއިން 6 ޢާއިލާއަކަށް އަދިވެސް ބޯހިޔާވަހިކަން ފޯރުކޮށްދެއްމުން އަންނަނީ ސަރުކާރުންނެވެ. މިމީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ގާކޮށީ ފްލެޓުންނެވެ.
ކޯވިޑް-19އާއި ގުޅިގެން މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން އަމިއްލަ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އިތުރު 3 މަސްދުވަހުގެ މުއްދަތެއް މި 6 ޢާއިލާއަށް ދިނުމަށް ނިންމާފައިވާކަމަށް އެންޑީއެމްއޭއިން ވަނީ މިދިޔަމަހު ވިދާޅުވެފައެވެ. ކެއިންބުއިމާއި އަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައެއް ޢާއިލާތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާވަނީ ދީފައެވެ. މި 6 ޢާއިލާއަށް މިތާހަނަށް ޖުމްލަ 6.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 20ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ޙާދިސާގައި އެސަރަޙައްދުގައި ހުރި 4 ކެމިކަލް ގުދަނަކާއި 6 ގެއެއްވަނީ އެއްކޮށް އަނދާފައެވެ. ގާތްގަނޑަކަށް 6 ގަޑިއިރު ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި އެއަރޕޯޓްސްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ފުލުހުންނާއި ޢާއްމުންގެ ގިނަ ބަޔަކު ގުޅިގެން ކުރިމަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު މިޙާދިސާގައި ޢުމުރުން 49 އަހަރުގެ އަންހެނަކުވެސް ނިޔާވެފައި ވެއެވެ.
މިޙާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ ހ.ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ ބާރުގަދަ ގޮވުންތަކަކަށްފަހު އަލިފާންގަނޑު ފެތުރިގެންނެވެ. ފަހުގެ ތާރީޚެއްގައި މާލޭގައި ހިންގި އެންމެ ބޮޑު އަލިފާނުގެ މިޙާދިސާއާއެކު މާލޭގައި ހުރި ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި ހުރި ކެމިކަލް ގުދަންތައް ވަގުތުން ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ މިދިޔަ އަހަރު ފަށާފައެވެ. ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތިލަފުށީގައި ކެމިކަލް ރައްކާކުރުމަށް ޤާއިމުކުރި ގުދަންތަކަށް ބަދަލުކޮށްފައިވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެތެރެއިން ސިފައިން މޮނީޓަރކޮށް ވަގުތުން ވަގުތަށް ބަދަލުކުރަންޖެހޭކަމަށް ކަނޑައަޅާފައިވާ 34 ގުދަނެކެވެ.
މިދިޔަ އަހަރުގެ އަލިފާނުގެ ޙާދިސާގެ ކުރިން 2016 ވަނަ އަހަރު ކޯސްޓްލައިން ފިހާރައިގައި ރޯވެ ހިނގި އަލިފާނުގެ ޙާދިސާއަކީވެސް މާލެއަށް ބިރުވެރިކަން ގެނުވި ހާދިސާއެކެވެ. އަދި މި މަހު ކެފޭ ޓިއޯލޯނަމަކަށް ކިޔާ ކެފޭއެއްގައި ރޯވެ އެތަން އެއްކޮށް އަނދާ ހުލިވެފައިވާއިރު ޖެހިގެންހުރި އެސްބީއައިއަށާއި އުރީދޫގެ އޮފީސް ޢިމާރާތަށްވެސްވަނީ ގެއްލުންވެފައެވެ. މިއިން ކޮންމެ ޙާދިސާއަކާއެކުވެސް ޢާއްމުންގެ އެތައް މުދަލަކަށް ގެއްލުންވެ ސިއްޙީ ގޮތުން އެތައް ނުރައްކަލަކާއި ކުރިމަތިވެފައިއެވެ.
މިފަދަ ޙާދިސާތައް މަދުކުރެވޭނީ އެންމެން ގުޅިގެން ރައްކާތެރިކަމަށް އިސްކަން ދީގެންނެވެ. ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން ޒިންމާ އުފުލައިގެންނެވެ. އެހެން ނޫނަމަ މިފަދަ ހިތާމަވެރި ހާދިސާތައް ހުންނާނީ ތަކުރާރުވޭވެއެވެ.