ވިޔަފާރި

ފައިސާ ނުދީ ހުރި ބިލުތަކަށް މިފްކޯއިން 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު، ފައިސާ ނުދީ ހުރި ބިލުތަކަށް މިހާތަނަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރ، އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރަމުން ދަނީ އޮގަސްޓު 17 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ހުރި ބިލްތަކުގެ ފައިސާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 82 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެެރޭގައި ހިމެނެނީ ދެކުނުގެ މަސްވެރިންނަށް 53 މިލިއަން ރުފިޔާ އަދި އުތުރުން މިފްކޯއަށް މަސް ކިރާފައިވާ މަސްވެރިންނަށް ގާތްގަނޑަކަށް 29 މިލިއަން ރުފިޔާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ކުރިއާ ހިލާފަށް މަސްވެރިންނަށް މިހާރު ފައިސާ ދޫކުރަމުންދަނީ އޮންލައިންކޮށް ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި މަސްވެރިންއަތުން މަސްގަތުމަށްފަހު ވަގުތުން އޮންލައިންކޮށް ފައިސާ ޖަމާކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

" ކުރިން ގެންދާ ގޮތަކަށް ނަގުދު ފައިސާ ނުދެން މިހާރު، ދޯނިފަހަރުތަކަށް ހާއްސަކޮށް މަސްވެރިޔާ އެކައުންޓު އޮންނަ ދޯނި ފަހަރަށް ވަގުތުން ޖަމާކުރަން އެބަ، އަދި އޮޑިވެރިޔާ އަދި ކެޔޮޅުގެ އެކައުންޓެއް އިންނަ ކަމަށްވަންޏާ އެފަރާތެއްގެ އެކައުންޓަށް މި ޖަމާކޮށްދެނީ،" އިސްމާއިލް ވިދާޅުވިއެވެ.

މިދުވަސްކޮޅަކީ ރާއްޖެއަށް މަސްވެރިކަން އެންމެ ރަ.ގަޅު މޫސުމެވެ. އެގޮތުން ދުވާލަކަށް އެވްރެޖްކޮށް މިހާރު 260 ޓަނުގެ މަސް މިފްކޯއަށް ކިރަމުންދާކަން މިފްކޯއިން ބުނެއެވެ. މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންނަށް ގާތްގަނޑަކަށް 525 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކުރެއެވެ.