ވިޔަފާރި

100 އަށްވުރެ ގިނަ ރިސޯޓު އަލުން ހުޅުވުމުގެ ހުއްދަ ދީފި


ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 100 އަށްވުރެ ގިނަ ރިސޯޓު އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ރިސޯޓުތައްވެސް ވަނީ ބަންދުކޮށްފައެވެ. އެހެން ނަމަވެސް ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުއަލުން ހުޅުވާފައިވާއިރު، ރިސޯޓްތައްވެސް ދަނީ ފަތުރުވެރިންނަށް ހުޅުވާލަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަން ފެށެން ތައްޔާރުވެފައިވާއިރު، ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތައް ދަނީ ފަތުރުވެރިންނަށް ހުޅުވާލަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިމަހުގެ 19 ވަނަ ދުވަހާއި ހަަމައަށް ރާއްޖޭގެ 104 ރިސޯޓަކަށް ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެެ. އަދި މީގެތެރެއިން 82 ރިސޯޓެއް މިހާރުވަނީ ހުޅުވާ ޙިދުމަތްދޭން ފަށާފައެެވެ. ހުޅުވުމުގެ ހުއްދަ ދީފައިވާ 104 ރިސޯޓުގެ ތެރެއިން 22 ރިސޯޓެއް މިމަހުގެ ފަހު ކޮޅާއި ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭ ފަތުރުވެރިންނަށް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ޙިދުމަތްދޭން 32 ތަަނަކަށްވަނީ ހުއްދަ ދީފައެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ސަފާރީތަކަށްވެސް ހުޅުވާލާފައިވާއިރު، ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 109 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 402089 (ހަތަރުލައްކަ ދެހާސް އަށްޑިހަ ނުވަ) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 65.1 އިންސައްތައިގެ ދަށްއަދަދެކެވެ.

މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ ވިހި ހާސް ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 70 އިންސައްތަ މަދުވާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިންކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންދަނީ މަސައްކަތްތައް ކުރަމުންނެވެ.