ޚަބަރު

ކޯވިޑް19 : ހުއްދަތައް ހަމަނުކޮށް ދަތުރު ހަމަނުޖެއްސުމަށް އިލްތިމާސްކޮށްފި


މާލެއިން ރަށްރަށް ކަރަންޓިންވުމަށް ދަތުރުކުރާ މީހުން އެޗްޕީއޭގެ ހުއްދަ ނުލިބެނީސް ދަތުރުގެ ކަންކަން ހަމަނުޖެއްސުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފަޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިހާރުވެސް ގިނަ ޢަދަދެއްގެ މީހުން ރަށްރަށަށް ދަތުރުކުރާކަން ފާހަގަކުރެވޭކަމަށެވެ. ރަށްރަށަށް ދަތުރުކުރާމީހުން ރެޖިސްޓަރ ކުރަންޖެހެނީ އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށެވެ. އަދި މިގޮތަށް ދަތުރުކުރާއިރު ރަށު ކައުންސިލްގެ ހުއްދަވެސް ހޯދަންޖެހެއެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ ދަތުރުކުރުމުގައި ނަގަންޖެހޭ ހުއްދަތައް ނުނަގައި، ބައެއް މީހުން ދަތުރުގެ ކަންކަން ހަމަޖައްސާކަމަށެވެ. އަދި ކައުންސިލްގެ ހުއްދަ ނެގުމަށްފަހު، އެޗްޕީއޭއިން ނަގަންޖެހޭ ހުއްދަތައް ނުނަގައިވެސް ޓިކެޓްނެގުންފަދަ ކަންކަން ކުރާކަމަށެވެ. ރަށްރަށަށް ދަތުރުކުރުމުގެ އުސޫލުގައިވާގޮތުން ރަށު ކައުންސިލްގެ ހުއްދަ ނެގުމަށްފަހު، އެޗްޕީއޭއިން ދޫކުރާ ވަކި ހުއްދަތަކެއްވެސް ނަގަންޖެހެއެވެ. ކައުންސިލް ހުއްދަ ލިބުނު ނަމަވެސް، ދަތުރުކުރެވޭނީ އެޗްޕީއޭގެ ހުއްދަ ލިބުމުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ކައުންސިލުން އެޕްރޫވްކުރީމަ، ދެން މިކޮޅުން ބަލާނީ. އެޗްއީއޯސީން ފައިނަލްކުރާނި. ކައުންސިލުން ހުއްދަ ދިނަސް ނުދެވޭނެ. މިކޮޅުން ފައިނަލް ލިޔުން ދޭނީ. ބައެއް ފަރާތްތައްކުން ހުއްދަތައް ހަމަނުކޮށް ދަތުރުހަމަޖައްސާ ޓިކެޓްނަގާ. އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކުރަން." ޑރ ނަޒްލާ ވިދާޅުވިއެވެ.

ކައުންސިލް ހުއްދައަށްފަހު އެޗްއީއޯސީން ގިނަ ކަންތައްތަކެއް ބަލާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ބައްޔަށް ފައްސިވެފައިވާ މީހެއްތޯ ބެލުމާއި، އަދި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހެއްތޯ ނުވަތަ، އެއްވެސް ސަބަބަކާހުރެ ކަރަންޓީންގައި ހުރި މީހެއްތޯ ބަލާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ރަށްރަށަށް ފެތުރުނަ ނުދިނުމަށް ރަށްރަށަށް ދަތުރުކުރެވެނީ ޚާއްސަ ހުއްދައާއިއެކު، 14ދުވަހަށް ކަރަންޓިންވާންޖެހޭ ގޮތަށެވެ. މިގޮތަށް ކަރަންޓީންވާންޖެހެނީ ރަށުގެ އެހެން މީހުންނާއި ބައްދަލުނުވާނެހެން ވަކިންނެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ، ދޫކޮށްލުމުގެ ކުރިންނަގާ ސާމްޕަލްއިން ނެގެޓިވްވުމުންނެވެ.

މިވަގުތުވެސް އަތޮޅުތަކުގެ 22ރަށެއްގައި ކޯވިޑް-19އަށް ޕޮސިޓިވްވެފައިވާ 48މީހުން އެބަތިއްބެވެ. މީގެތެރޭގައި ރިލީސް ސާމްޕަލްއިން ޕޮސިޓިވްވިކަން އިނގުނު މީހުންނާއި، ކޮންޓެކްޓުން ހިމެނެއެވެ.