ޚަބަރު

ކޯވިޑް-19ގެ ތަޖުރިބާ : ޝާފިޢުގެ އާދޭހަކީ ޞިއްޙީ ޚިދުމަތްތެރިންގެ ބަސް އެހުން


އެޑިޓަރުގެ ނޯޓު: އަޙްމަދު ޝާފިޢުއަކީ ޕީއެސްއެމް ނިއުސްގެ ނިއުސްރޫމުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ނޫސްވެރިއެކެވެ. އޭނާ މިވަގުތު މަސައްކަތް ކުރަނީ ނިއުސް ޕްރޮޑަކްޝަންގައެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރާ އަޚްލާޤު ރަނގަޅު ފަރުވާތެރި ޒުވާން މުވައްޒަފެކެވެ. އޮގަސްޓުމަހުގެ 26ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާ ހޯދުމަށްފަހު އޭނާވަނީ ބަލިން ރަނގަޅުވެ މިހާރު އަލުން މަސައްކަތަށް ނުކުމެފައެވެ. ތިރީގައި މިވަނީ އޭނާގެ ތަޖުރިބާއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީ އިން އުފަންވި ކޯވިޑް-19 މި ބަލި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކި ހިއްޕާލާފައިވާއިރު، އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖެވެސް މިވަނީ މި ބާލީގެ ޝިކާރައަކަށް ވެފައެވެ.

ފަސްލައްކަވެސް ހަމަނުވާ ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ދިވެހި ރާއްޖެއިން ނުވަ ހާހަށް ވުރެ ގިނަ މީހުން ވަނީ މި ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެފައެވެ. އަޅުގަނޑަކީވެސް މި ނުވަހާހަށް ވުރެ ގިނަ މީހުންގެ ތެރެއިން މި ބަލީގެ ބިރުވެރިކަމާ ހިތްދަތިކަށް އިޙްސާސް ކޮށްފަވާ އެކަކެވެ.

ކޯވިޑް-19 ޖެހިފައިވާ މިހަކާ ޑައިރެކްޓް ކޮންޓެކްޓް ވިކަން އެނގުނު ހިސާބުން އަމިއްލަ ފަރުދީ ޒިންމާ ނަގައި އޮފީހަށް ހާޒިރު ނުވެ، އެޗް.ޕީ.އޭގެ އެންގުންތަކާއި، އެއްގޮތަށް ގޭގައި އެކަހެރިވެ ހުރުން އެއީ އަޅުނޑުގެ މި މި ހިތްދަތި ތަޖުރިބާގެ ފެށުމެވެ. އޭރުވެސް އަޅުގަނޑުގެ އެންމެ ބޮޑު އަޒުމަކަށްވީ އަމިއްލަ ނަފްސު މި ބައްޔާ ކުރިމަތި ލާންޖެހުނުކަމުގައިވިޔަސް، އަޅުގަނޑުގެ ފުށުން އެހެން މީހަކަށް މި ބަލި ވާސިލުވިޔަނުދިނުމެވެ. އެ އުންމީދާއެކު ފަސްދުވަހު ގޭގައި އެކަހެރިކޮށް ހުރުމަށްފަހު ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ސާންޕަލްގެ ނަތިޖާ ލިބިގެން ދިޔައީ އުންމީދު ކުރިގޮތަކަށް ނޫނެވެ.

މިއީ އެއްވެސް ޙާލެއްގައި އަޅުގަނޑު ބޭނުންވި ގޮތެއް ނޫނެވެ. އަދި އުއްމީދުވެސް ކުރިގޮތެއް ނޫނެވެ. އެހެންނަމަވެސް ހިތްވަރެއް އެލުވައެއް ނުލަމެވެ. އައު އުންމީދާއެކު އަޅުގަނޑު ދެންފެށީ މި ބައްޔާ ހަނގުރާމަކުރާށެވެ. ބަލިން މިންޖުވެ، އިހު އުޅުން ދިރިއުޅުމަށް ވާޞިލުވުމުގެ ހުވަފެނުގައެވެ.

އެ އަޒުމާއެކު މުޅި ހަށިގަނޑުން ހިތްވަރުނެރެ ފޮށިތަންމަތި ތައްޔާރުކޮށް ދަތުރު ފެށީ ކަރަންޓީން ފެސިލިޓީއަށް ދިއުމަށެވެ. ކަރަންޓީން ފެސިލިޓީގައި ހޭދަކުރި ދުވަސްތައް ވެގެން ދިޔައީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ދުވަސްތަކަކަށެވެ. ވަރަށް ތަފާތު ތަޖުރިބާ އަކަށެވެ.

މާލެއިން ފުރައިގެން ސާޅިސް ފަސް މިނެޓުން ދެވޭ ފަން އައިލެންޑު ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި އަޅުގަނޑު ހުންނަންޖެހުނީ ބީޗް ވިލާ ރޫމްއެއްގައެވެ. އެކަނިމާއެކަންޏެވެ. މާޔޫސްކަމާއި މޮޅިވެރިކަން އިޙްސާސްކުރެވުން ނަމަވެސް، އަޅުގަނޑު ބަހައްޓާފައި ހުރި ކަރަންޓީން ފެސިލީޓީގެ އިންތިޒާމްތައް ރަނގަޅެވެ. އެތަނުގެ ޙިދުމަތްތައް ވަރަށް ފުރިހަމައެވެ. ކޮޓަރިތެރޭގައި ޓީވީ ބެލޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. ރެފްރިޖެރޭޓަރާއި، ފެން ހޫނުކުރެވޭ އިންތިޒާމުވެސް ރޫމް ތެރޭގައި ހަމަޖެހިފައި ހުރި އިރު އިންޓަރނެޓްގެ ޙިދުމުމަތް ވެސް ލިބުނެވެ.

ހަތަރު ގަޑީގެ ކެއުން ބަރާބަރަށް ލިބެއެވެ. ބަލި ޙާލަތު ބަލައި، މޮނިޓަރކޮށް، ކިރިޔާވެސް ބޭނުމެއްޖެހިދާނެކަމަށް ޞިއްޙީ އެހީތެރިން ތިބެނީ ފާރައަށެވެ. އެއްވެސް ވަރުބަލިކަމެއް ނެތި އަޅުގަނޑުމެންގެ ޚިދުމަތުގައެވެ. ހަތަރު ފާރުތެރޭ މަޖުބޫރުންނަމަވެސް އެކަނި ހުންނަންޖެހުން ވެގެންދިޔައީ ހިތަށް ހިތްދަތި ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ.

ކިރިޔާވެސް ހިތްހަމަޖެހުން ލިބެނީ ބީޗް ވިލާ ތެރޭގައި ހުންނައިރު އެ ފެންނަ ގުދުރަތީ ހިތްގައިމު މަންޒަރުތަކާއި، އަޑުތަކުންނެވެ. އިރުއަރާ އޮއްސޭ ފަދައިން އަޅުގަނޑުވެސް ދުވަހަކަށްފަހު ދުވަހެއް ގުނަމުންދިޔައީ މިބަލިމަޑުކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޢަމިއްލަ އާއިލާއާއި، ގާތްތިމާގެ މީހުންނާއި، އެކުވެރި ރަހުމަތްތެރިންގެ މަތިން ހަނދާން އާވެއެވެ. އެމީހުންނާއި ދުރުގަ ހުންނަށް ޖެހުން ވެގެން ދިޔައީ ކެތްކުރަން އުނދަގޫވި ކަމަކަށެވެ. ނަމަވެސް އަޅުގަނޑު ދެކުނީ މިއީވެސް ކުރިމަތިވި އިމްތިޙާނެއްގެގޮތުގައެވެ. އެކަނިވެރިކަމާއި، ހިތްދަތިކަން ފިލުވީ ޢާއިލާގެ ކޮންމެވެސް މިހަކާ ގުޅާލައި ވާހަކަދައްކައިގެންނެވެ. ކޮންމެ ދުވަހަކުވެސް ވަގުތު ގުނަމުންދިޔައީ އާއިލާއާއި އެކުވެރި ރަހުމަތް ތެރިންނާ އަވަހަށް ބައްދަލުވެވޭނެކަމުގެ އުންމީދުގައެވެ.

މާތް ﷲގެ އިރާދަފުޅާއެކު ކޯވިޑް-19ގެ ބަލިމަޑުކަމުން އަޅުގަނޑު ފަސޭހަވީ ކަރަންޓީނުގައި ހުންނަތާ 13 ދުވަސް ފަހުންނެވެ. ބަލީގެ މާބޮޑު އުނދަގުލަކާ ކުރިމަތިނުވެ، މިކަމުން ސަލާމަތްވީތީ އަޅުގަނޑު މާތްﷲއަށް ޝުކުރުވެރިވަމެވެ. ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް އަދި ހިތްވަރެއް ލިބުނީ އަޅުގަނޑުގެ ޙިދުމަތުގައި ތިބި ޞިއްޙީ އެހީތެރިންގެ ފަރާތުންނެވެ.

އެބޭފުޅުން ފުރާނަ އަތްމަށްޗަށް ލައިގެން، ވަމުން އެގެންދަވަނީ އަޅުގަނޑުމެންނަށް ދުވަހަކުވެސް އަގު އަދާނުކުރެވޭވަރުގެ މަތިވެރި ޤުރުބާނީއެކެވެ. އެއީ މިހެން ދެތިން ޖުމްލައަކުން ބަޔާންކުރެވޭ ވަރަށްވުރެއްވެސް މާ މަތިވެރި ޙިދުމަތްތަކެކެވެ. ލޯބިވާ ޢާއިލާއާ ދުރުގައި ތިބެ، ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވަމުން އެގެންދަވަނީ އަޅުގަނޑުމެން ދިވެހިރައްޔިތުންގެ ޚިދުމަތުގައެވެ. މި ނުރައްކާތެރި ބަލިމަޑުކަމުން މިޤައުމު ސަލާމަތް ކުރުމަގެއެވެ.

އެހެންކަމުން ސިއްޙީ މާހިރުން މިބަލި މަޑިކަމުން އަރައިގަތުމަށްޓަކައި އެދެންވާ އިރުޝާދުތަކަށް ބޯލަބާށެވެ. އަމާން އަންސޭރިއަކަށް ވާސިލު ވުމަށްޓަކައި އެބޭފުޅުންގެ އަޑު އައްސަވާށެވެ.

ލަމް

ވަރަށް ހިތްދަތި ވާހަކައެއް. ކިޔާލި އިރު އަސަރާއެކު ވާހަކަތައްބުނެދީފއިވާލެއް ވަރަށް ފުރިހަމަ. ޝާފިއު ވަރަށް ހިތްވަރުގަދަ.