ޚަބަރު

ފުވައްމުލަކާއި ގއ.އަތޮޅު "ސިސްޓަރ އައިލެންޑް" ކޮންސެޕްޓުން ގުޅާލަނީ


އެއްރަށުން އަނެއްރަށުގެ ވަޞީލަތްތައް ބޭނުންކޮށް، އެއްރަށުން އަނެއް ރަށަށް އެހީވުމަށް އެކުލަވާލާފައިވާ "ސިސްޓަރ އައިލްންޑް" ކޮންސެޕްޓް ތަޢާރަފްކޮށް، ފުވައްމުލައް ސިޓީއާއި ހުވަދުއަތޮޅު އުތުރުބުރީގެ ރަށްތަކުން މި ކޮންސެޕްޓުގެ މަސައްކަތް ފަށައިފިއެވެ.

އެއް އަތޮޅު އަނެއް އަތޮޅާ ގުޅުން ބަދަލިކުރުމަށް އަބަދުވެސް އަތޮޅު ފެންވަރުގައި މަސައްކަތްތައް ކުރަމުން އާދެއެވެ. ފުވައްމުލައް ސިޓީއާއި ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުކައުންސިލާއި އަތޮޅުގެ ހުރިހާ ރަށްތަށް ގުޅިގެން މިވަނީ ދެ އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމަށް އެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރަން ފަށާފައެވެ.

ފުވައްމުލައް ސީޓީ ކައުންސިލްގެ އިސްނެގުމަށް ފެށި މިމަސައްކަތުގެދަށުން އިއްޔެވަނީ "ސިސްޓަރ އައިލެންޑް ޕަރޓްނަރޝިޕް ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސްއެއް ބާއްވާފައެވެ. ފުވައްމުލައް ސިޓީއާއި، ގއ.އަތޮޅުގައި ހިމެނޭ 9ރަށުގެ ކައުންސިލަރުންނާއި އިސްވެރިން ބައިވެރިވެ ބޭއްވި މީގެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ގއ.ގެމަނަފުށީގައެވެ.

2 އަތޮޅުން ފެށި މިމަސައްކަތާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ގެމަނަފުށީގެ ކައުންސިލްގެ ރައީސް ޢަބްދުﷲ ޝިޔާން ވިދާޅުވި މި މަސައްކަތަކީ "ސިސްޓަރ އައިލެންޑް" ކޮންސެޕްޓްގެ ދަށުން ފެށި ޚާއްސަ ޕްރޮގްރާމެއްކަމަށެވެ.

މިކަމާގުޅޭ އެއްބަސްވުމުގެ އެންމެބޮޑު ބޭނުކަމަށްވާނީ ވަސީލަތް ހުރި ރަށްރަށުން އަތޮޅުގެ އެހެން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ޝިޔާން ވިދާޅުވިއެވެ. އެގޮތުން ގެމަނަފުށީގައި ބޭއްވި ކޮންފަރެންސްފައިވަނީ އިޖްތިމާޢީ ގޮތުންނާއި، އިޤްތިސާދީގޮތުންނާއި، ކުޅިވަރާއި ތަޢުލީމް އަދި ސިއްޙީ ދާއިރާގެ ކަންކަމުގައި އެއްރަށް އަނެއް ރަށަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

"މި މަސައްކަތުގެ މައި ރަށަކަށް ވާނީ ފުވައްމުލައް ސިޓީ. އެގޮތުން ފުވައްމުލަކުގައި ހުރި ވަސީލަތް އެހެން ރަށްރަށުގެ ތަރައްޤީޢަށް ބޭނުންކުރުން. އަދި އެހެން ރަށްރަށުންވެސް ހުރި ވަސީލަތްތައް އެއްރަށް އަނެއްރަށަށް ބޭނުންކުރުން. މިއީ މިގޮތަށް މުޅިން އަލަށް ކުރިއަށްގެންދާ މަސައްކަތެއް." ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ މި ދުވަސްވަރަކީ ކޯވިޑް-19ގެ ދުވަސްވަރުކަމުން މާލެއިން މީހުން ގެނެސްގެން ކޯޗިންގ ކޭމްޕްތަކާއި ޓްރެއިނިންގ ކޭމްޕްފަދަ ކަންކަން ކުރިއަށްގެންދިއުމަށް ވަރަށް ދަތިކަމަށެވެ. އަދި އެކަމަށް ދިގު މުއްދަތެއް ހޭދަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއްރަށް އަނެއްރަށުގެ މެދުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަސޭހަކުރުމަށް، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރަށް ހުށައެޅުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ އުނދަގުލީ ދަތުރުފަތުރު. މިއަހަރުގެ އީދުން ފަށައިގެން ފެރީ އެބަބާއްވާ. ނަމަވެސް ބޭނުންވަނީ ރަނގަޅު ދާއިމީ ފެރީގެ ނިޒާމެއް. އަދި ދެ އަތޮޅު ވައިގެ މަގުން ގުޅާލުމަށްވެސް ސަރުކާރަށް ހުށައެޅުމަށް ބައްދަލުވުމުގައި ވަނީ ނިންމާފަ." ޝިއާން ވިދާޅުވިއެވެ.

"ސިސްޓަރ އައިލެންޑް" ކޮންސެޕްޓްގެދަށުން އިއްޔެ ބޭއްވި ހަރަކާތުގައި ފުވައްމުލަކުން ޑޮކްޓުން ގެނެސްގެން ލޮލުގެ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ކޭމްޕެއް ގެމަނަފުށީގައިވަނީ ބާއްވާފައެވެ. އެގޮތުން 75މީހުންވަނީ މި ކޭމްޕްގައި ޑޮކްޓަރަށް ދައްކާފައެވެ. އަދި އަންނަ މަހު ގެމަނަފުށީގައި ހޭންޑްބޯލް ކޯޗިންގ ކޭމްޕެއްވެސް ބޭއްވުމަށްވަނީ ނިންމާފައެވެ. އަދި ތަޢުލީމީ ދާއިރާއިންވެސް އެކިކަހަލަ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ. އަދި މިނޫނަސް ގުޅުން ބަދަހިކުރުމަށް ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.

ޝިއާން ވިދާޅުވީ ހުރިހާ މަސައްކަތްތައްވެސް ރާވައިގެން ކުރިއަށްގެންދަނީ އެޗްޕީއޭގެ ޤަވާޢިދުތަކާ އެއްގޮތަށްކަމަށެވެ. މިފަދަ މަސައްކަތެއް ރޭވުމުގެ އެންމެ ބޮޑު ބޭނުނަމަކީވެސް ކޯވިޑް-19ގެ މި ޙާތުގައިވެސް، ރަށްތަކުގެ ތަރައްޤީ ހުއްޓުމަކަށް ނުގެނެސް މަސައްކަތްކުރުންކަމަށް 2 އަތޮޅުގެ ރަށްތަކުން ފާހަކަކުރެއެވެ.