ސިޔާސީ

މަހާސިންތާގެ 2 ވަނަ ބުރު ނިންމާލައިފި


2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ލީޑަރުން ތަމްރީންކުރުމަށް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން ފަށާފައިވާ މަހާސިންތާގެ 2 ވަނަ ބުރު ރޭ ނިންމާލައިފިއެވެ. މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވަނީ މ އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިސްނެންގެވުމާއެކު ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މި މަހާސިންތާއަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީ.ޕީ.އެމްގެ އަތޮޅުތަކުގެ ގޮފިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކެމްޕެއިން ލީޑަރުން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. މަހާސިންތާގެ އެކި ސެޝަންތަކުގައި ކެމްޕެއިން ކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން ވަނީ ތަފާތު މައުލޫމާތު ބައިވެރިންނަށްދީފައެވެ. އެގޮތުން ކެންޕެއިން އޮފީހުގެ އޮނިގަނޑާއި ލީޑަރޝިޕްގެ ހުނަރުތަކާއި ގުޅޭގޮތުން މަހާސިންތާގެ މަންދޫބުންނަށް މައުލޫމާތު ވަނީ ދީފައެވެ. މީގެ އިތުރުން މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތްތަކަކާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި، ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައިވަނީ މަޝްވަރާކޮށްފައެވެ. މަހާސިންތާގެ ދެވަނަ ބުރު ނިންމާލުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ، ކެމްޕެއިން ލީޑަރުން އުފެއްދުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ޕީ.ޕީ.އެމްއަށް އޮތް ތާއީދު އިތުރުކުރުމަށް ކުރަމުންދާ މި މަސައްކަތް ވަރަށްވެސް ކާމިޔާބުކަމަށެވެ. އަދި ޕީ.ޕީ.އެމުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، މި މަހާސިންތާއިން އުގެނުނު މައުލޫމާތުގެ ބޭނުން ހިފައިގެން، ރައްޔިތުންނަށް ޙިދުމަތް ކުރުމުގައި ދެމިތިބުމަށް މަހާސިންތާގެ ބައިވެރިންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން މަހާސިންތާއަށް އަމާޒުވަމުންދިޔަ ނަމަވެސް، މާކްސް ނުދިންކަމުގައި ވިޔަސް، މި މަހާސިންތާއަކީ ސަތޭކައަކުން ސަތޭކަ މާކްސް ހޯދާފައިވާ ކާމިޔާބު މަހާސިންތާއެއް ކަމަށެވެ.މަހާސިންތާގެ ސެޝަންތަކުގައި ދެވޭ މައުލޫމާތުގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުގެ ޚާއްސަ ޤަރާރުގައި މިފަހަރުގެ މަހާސިންތާގެ ބައިވެރިވި 446 މަންދޫބުން ވަނީ ސޮއިކޮށްފައެވެ. މި ޤަރާރުގައި މައިގަނޑު 7 ކަމެއްގެ މައްޗަށް ބަލާލާފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުމުގެ އިތުރުން، ސަރުކާރުގެ މަޝްރޫޢުތައް ޕްރޮމޯޓްކޮށް، ރައްޔިތުންގެ މެދުގައި ޕާޓީގެ މަޤުބޫލުކަން އިތުރުކުރުން ހިމެނެއެވެ. މަހާސިންތާގެ ފުރަތަމަ ބުރުގެ ބައިވެރިންނާއެކު މިހާތަނަށް ޕީ.ޕީ.އެމްގެ އަތޮޅުތަކުގެ ގޮފިތަކަށް ނިސްބަތްވާ 783 މަންދޫބަކު ވަނީ މިޤަރާރުގައި ސޮއިކޮށްފައެވެ. މަހާސިންތާގެ ތިން ވަނަ ބުރު އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، ކައުންސިލަރުންނަށްވެސް އަމާޒުކޮށްގެން މިފަދަ މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.