ޚަބަރު

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއަށް މާލީ އެހީ ބޭނުންވޭ - ޑރ. ޙުސެއިން


މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމަކަށް މާލީގޮތުން ކުރިމަތިވާ ދަތިތަކުގެ ސަބަބުން ދިމާވާ ގެއްލުންތައްހުރިކަން ފާހަގަކުރައްވާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ޙަސަން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަމުގެ ކަންބޮޑިވުން އެންވަޔަރަންމަންޓް މިނިސްޓަރ ފާޅުކުރެއްވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ)އާ ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ އަދުގެ ސަރުކާރުން ނޫ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތްކުރާއިރު އެކަން ކާމިޔާބުކުރެވެން އޮތީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤުދުރަތީ ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ސަރުކާރުން ހިމާޔަތްކުރަމުން ގެންދާކަމަށް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާލުވީ މި ކަންކަން ހާސިލުކުރުމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކުރިމަތިލާއިރު ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެ ފަދަ ބިންތިރި ޤައުމަކަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ބޮޑެތި ގެއްލުންތައް ދިމާވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންލިބޭ ކަމަށާއި އެކަންކަން ހައްލުކުރަން ކެނޑިނޭޅި ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކުން ކުރިމަތިލާންޖެހޭ ކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ، ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ޤައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށް މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އދ. ގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޔޫ އެން ސީ.ސީ.ޑީއާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި ވަނީ މަޝްވާރާކޮށްފައެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅުތައް ބާރުމިނުގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުންވެސް މަންދޫބުން ބައިވެރިވެފައިވެއެވެ.