ޚަބަރު

ޒިކުރާ މިސްކިތުގެ މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޒިޔާދުގެ މައްޗަށް ދައުވާކުރަނީ


ޒިކުރާ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒިޔާދުގެ މައްޗަށް ދަޢުވާކުރުމަށް އެންޑިކޮރަޕްޝަން ކޮމިޝަނުން ފްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެކޮމިޝަނުގެ ތަޙުޤީޤުން ހާމަވެފައިވާކަމަށެވެ. އެގޮތުން، 1439ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން އޭރު އިސްލާމިކް އެފެއަރޒުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށެވެ.

އެހެން ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭކަމަށް އޭސީސީންވަނީ ވިދާޅުވިއެވެ.

އަދި އެ ޕްރޮޕޯސަލް ތަކަކީ ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތްކަމަށާއި އަދި އެކަން ކުރީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުޞޫލު ޚިލާފަށްކަން ތަޙްޤީޤަށް އެނގިފައިވާތީ، މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަޙީ ހެކިތަކުން ސާބިތުކުރެވޭތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުވާކޮށް ދިނުމަށް ފީޖީ އޮފީހުގައި އެދިފައިވާކަމަށް އޭސީސީން ވިދާޅުވެެއެވެ.

މީގެ އިތުރުން ދަޢުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، މިކަމުގެ ސަބަބުން ދަޢުލަތަށް ބޮޑެތި ގެއްލުން ލިބި، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޑރ. އަހްމަދު ޒިޔާދުގެ ދައުވާކޮށް ދިނުމަށްވެ އޭސީސީންވަނީ އެދިފައެވެ.

ކުރީގެ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުގެ އިތުރުން އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށްހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުވާ ކުރުމަށްވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައެެވެ. އޭސީސީން ވިދާޅުވީ އެސް.ޖޭ ކޮންސްޓްރަކްޝަންއަށް މި މަޝްރޫޢު ޙަވާލުކުރުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، ބިން ޙަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްފައިވަނީވެސް އޭނާ ކަމަށެވެ.

މީގެ އިތުރުން އިބްރާހީމް ޢަބްދުﷲ ސަޢީދު އާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަޙަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށާއި ކަމާގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީޤު ސާބިތުވާތީ، އިބްރާހިމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.

ޒިކުރާ މިސްކިތް ހެދުމަށް 2018ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އިސްލާމިކް މިނިސްޓްރީގެ 2018ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލްނެރުއްވި އޮޑިޓް ރިޕޯޓްގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.