ޚަބަރު

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް 44.5 މިލިއަން ރުފިޔާ


ކޯވިޑް-19އާ ގުޅިގެން ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމް.އެން.ޑީ.އެފްއާއި ޕޮލިހުގެ މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ ދީފިއެވެ.

ފިނޭސްންސް މިނިސްޓްރީން ވިދާޅުވީ ފްރަންޓްލައިން އެލަވަންސް އެމް.އެން.ޑީ.އެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް ޖަމާކޮށްދީފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެމްއެންޑީއެފްގެ 3334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އަދި ފުލުހުންގެ ތެރެއިން ފްރަންޓް ލައިންގައި މަސައްކަތްކުރި 3184 މުވައްޒަފަކަށް 20.5 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއާއެކު ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެކި ފަރާތްތަކަށް 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ޓުވީޓް

ފްރަންޓްލައިން އެލަވަންސް ދޭންޖެހޭ ފަރާތްތަކުގެ ތެރެއިން މާރޗްމަހުގެ 7 އިން ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދޭންޖެހޭ އެލަވެންސް ފަރާތްތަކުގެ ތެރެއިން އެލަަވަންސް ނުދެވިވަނީ ސިފައިންނާއި ފުލުހުންނަށް އެކަނިކަމަށް ފިނޭނެސް މިނިސްޓްރީން މީގެ ކުރިން ވަނީ ހަމަކޮށްފައެވެ. ފުލުހުންނާއި ސިފައިންނަށް މިމަހުގެ 17 ވަނަ ދުވަހު ފްރަންޓްލައިން އެލަވަންސް ދިނުމާއެކުު މި އެލަވަންސް ދޭންޖެހޭ އެންމެހާ ފަރާތްތަކަށް އެލަވަންސް ވަނީ ދޫކޮށް ނިމިފައެވެ.

އެމްއެންޑީއެފްއާއި ޕޮލިހަށް އެލަވަންސް ދޫނުކުރެވި ލަސްވެފައިވަނީ މިކަމާއި ގުޅިގެން އެ މުއައްސަސާތަކުން އުސޫލަށް ގެނައި ބައެއް ބަދަލުތަކާއި ގުޅިގެންކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ، ރާއްޖެއިން ކޯވިޑް-19ގެ ބަލި މީހަކު އެންމެ ފުރަތަމަ ފެނުނު ދުވަސް ކަމުގައިވާ މަރޗް 7 ވަނަ ދުވަހުން ފެށިގެން ކޯވިޑް-19އާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެލަވަންސް ދިނުމުގެ އުސޫލު ކަނޑައަޅާފައިވަނީ ހައި ރިސްކް، މީޑިއަމް ރިސްކް އަދި ލޯރިސްކް ކެޓަގަރީއަށް ބަހާލައިގެންނެވެ. މި އުސޫލު ކަނޑައަޅާ މިކަމާގުޅޭ މަސައްކަތްތައް ކުރިއަށްގެންދަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ރައީސް އޮފީހާއި މިނިސްޓްރީ އޮފް ހެލްތާއި ފިނޭންސް ގުޅިގެންނެވެ.

އެލަވަންސް ދެނީ ހައިރިސް ކެޓަގަރީއަށް ދުވާލަކަށް 500 ރުފިޔާ، މިޑިއަމް ރިސްކް ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކް ކެޓަގަރީއަށް ދުވާލަކަށް 200 ރުފިޔާއެވެ.