ދުނިޔެ

އަރަބި ފަސް ޤައުމަކުން އިސްރާއީލާއެކު ގުޅުންބަދަހިކުރަން ދަނީ ވިސްނަމުން: އެމެރިކާ


އިސްރާއީލާއެކު ގުޅުންބަދަހި ކުރުމަށް ޢަރަބި އިތުރު ފަސް ޤައުމަކުން ވިސްނަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސްގެ ޗީފް އޮފް ސްޓާފް، މާކް މެޑޯސް ވިދާޅުވީ މި ހަފުތާގައި އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ޔޫއޭއީއާއި ބަހުރައިނުން ސޮއިކުރި ފަހުން އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ ޝައުޤުވެރިކަން ފަސް ޤައުމަކުން ފައުޅުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއްކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އިސްރާއީލާއެކު ޔޫއޭއީއާއި ބަހުރައިނުން ޤާއިމްކުރި ގުޅުމުގެ ދަށުން އެ ޤައުމާއެކު ޚާރިޖީ، ވިޔަފާރީ އަދި ސަލާމަތީ ގުޅުންތައް ޤާއިމްކުރާނެއެވެ. އެފަދަ ގުޅުމެއް އިސްރާއީލާއެކު ޤާއިމްކުރުމަށް ޔޫއޭއީއާއި ބަހުރައިނުން ނިންމި ނިންމުމަކީ ފަލަސްޠީނުން އަމިއްލަ ދަޢުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއްކަމަށް އެ ޤައުމުންވަނީ ސިފަކޮށްފައެވެ.

ބެލެވޭ ގޮތުގައި ޔޫއޭއީއާއި ބަހުރައިނުން އިސްރާއީލާއެކު އެއްގަލަކަށް އަރައި ގުޅުން ޤާއިމްކޮށްފައިވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އީރާނުގެ ބާރުގަދަވަމުންދާތީ އެ ޤައުމުގެ ނުފޫޒުކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ ވަރަށް އަވަހަށް ސަޢުދީ ޢަރަބިއްޔާ ހިމެނޭގޮތަށް ޢަރަބި ގިނަ ޤައުމުތަކަކުން އިސްރާއީލާއެކު ގުޅުން ޤާއިމްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ފަލަސްޠީނުންވެސް އެގޮތަށް ޢަމަލުކުރާނެކަމަށް ޤަބޫލުކުރައްވާކަމަށް ޓްރަންޕު ވިދާޅުވިއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެ ޤާއުމުތަކުގެ ތެރޭގައި އޮމާން ހިމެނެއެވެ. ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު ވައިޓް ހައުސްގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ އޮމާނުގެ ސަފީރު ބައިވެރިވަޑައިގެންފައިވުމުގެ ސަބަބުން އެކަމަށް އިތުރަށް ބާރުދެއެވެ