ދުނިޔެ

ބެލަރުސްގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް ސަލާމަތީކަން ވަރުގަދަކޮށްފި


ބެލަރުސްގެ ހުޅަނގުގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް އަސްކަރިއްޔާގެ ސަމާލުގެ މިންވަރު އެންމެ މަތިކޮށްފިއެވެ.
މިދިޔަ މަހުގައި ބޭއްވި ބެލަރުސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ރައީސް އެލެކްސެންޑްރަ ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ. ލުކަޝެންކާއާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅުގެ ގިނަ ޢަދަދެއްގެ ސީޔާސީ ލީޑަރުން މިހާރުވަނީ ޖަލަށްލާ ނުވަތަ ޤައުމު ދޫކޮށް ދިއުމަށް މަޖުބޫރުކޮށްފައެވެ. އޭގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދުގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް އޭނާއަށްވަނީ އަމާޒުވެފައެވެ.

މީގެ ކުރިން ރައީސް ލުކަޝެންކާވަނީ ބެލަރުސްގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައިވަނީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުންކަމަށް ތުހުމަތުކުރައްވާފައެވެ. ޕޯލެންޑާއި ލިތުއޭނިއާއާއެކު ބެލަރުސުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ބަންދުކުރުމަށް ލުކަޝެންކާ ނިންމެވި ނިންމެވުމުން ހުޅަނގުގެ ޤައުމުތަކާމެދު ލުކަޝެންކާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ދައްކުވައިދެއެވެ.

ލުކަޝެންކާ ވިދާޅުވީ މަގުތައް ބެލެހެއްޓުމުގައި ޙަރަކާތްތެރިވަމުންދިޔަ އަސްކަރީ ފައުޖުތައް އަނބުރާ ގެންގޮސް ސަމާލުގެ މިންވަރު އިތުރުކުރުމަށް މަޖުބޫރުވެފައިވާކަމަށެވެ. ލިތުއޭނިއާއާއި ޕޯލެންޑާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ބަންދުކުރުމުގެ އިތުރުން ޔުކްރެއިނާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ނިންމަވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައަކަށް ބެލަރޫސުން ދާން ބޭނުންނުވާކަމަށާއި މައްސަލަތައް ޙައްލުކުރުމަށް ހުރަސްއެޅޭގޮތަށް ބެލަރުސްއާއި ޕޯލެންޑާއި ލިތުއޭނިއާ ދެމެދު އަސްކަރީ ކުރިމަތިލުންތައް ހިންގުމަށް ނޭދޭކަމަށް ލުކަޝެންކާ ވިދާޅުވިއެވެ. އެހެންކަމުން ހަނގުރާމައެއް ހިންގިޔަ ނުދިނުމަށް ޕޯލެންޑާއި ލިތުއޭނިއާއާއި ޔުކްރެއިނުގެ ސިޔާސީ އިސްވެރިން ހުއްޓުވުމަށް އެ ޤައުމުތަކުގެ ރައްޔިތުންނަށް ލުކަޝެންކާ ވަނީ ގޮވާލައްވާފައެވެ.

ސަރަޙައްދީ ރޮނގު ބަންދުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޯލެންޑުގެ ސަރުކާރުގެ ތަރުޖަމާނު، ޕޮއިޓާ މުލާ ވިދާޅުވީ ސަރަޙައްދީ ރޮނގު ބަންދުކޮށްފައިވާކަން މިހާތަނަށް ޔަޤީންވެފައި ނުވާކަމަށެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު، ޕަވެލް ޖަބްލޮންސްކީ ވިދާޅުވީ ސަރަޙައްދީ ރޮނގު ބަންދުކޮށްފައިވާކަމަށް ލުކަޝެންކާ ކުރެއްވި އިޢުލާނަކީ އެހެން ބައެއްގެ ނުރައްކާ އޮތްކަމަށް ދެއްކުމަށް ބެލަރޫސުން ބޭނުންކުރަމުންދާ އުކުޅެއްކަމަށެވެ. ކުރިއެކޭ އެއްގޮތަށް ސަރަޙައްދީ ރޮނގު ހުރީ ހުޅުވާފައިކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

އޭގެ އިތުރުން ލިތުއޭނިއާގެ ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރަސްމަޓަސް ލިއުބަޝެވަސް ވިދާޅުވީ ބެލަރުސްއާއި ލިތުއޭނިއާއިން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުވެސް ހުރީ ހުޅުވާފައިކަމަށެވެ.

ލުކަޝެންކާގެ ވާހަކަފުޅުގައި އަވަށްޓެރި ލެޓްވިއާއަށް އިޝާރާތްކުރައްވާފައެއް ނުވެއެވެ. ލެޓްވިއާއަކީވެސް ޕޯލެންޑާއި ލިތުއޭނިއާއޭ އެއްގޮތަށް ނޭޓޯއަށް ނިސްބަތްވާ ޤައުމެކެވެ. އެ ޤައުމުގެ ދާޚިލީ ވަޒީރު ލިނަސް ލިންކެވިކިއަސް ވިދާޅުވީ ލުކަޝެންކާގެ އިޢުލާނުގެ މާނައަކީ ކޮބައިކަން ސާފުނުވާކަމަށާއި ސަރަޙައްދީ ރޮނގު ބަންދުކުރަނީ ވިޔަފާރިއަށް ކަމެއް ނުވަތަ ޢާންމުންނަށް ކަމެއް އެނގިފައިނުވާކަމަށެވެ.