ކުޅިވަރު

ތަށި ދިފާއުކުރަން މިތިބީ ތައްޔާރަށް: ކްލޮޕް


އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ދިފާއުކުރުމަށް ކުރިމަތިލާންޖެހޭ ކޮންމެ ޗެލެންޖަކާއި ކުރިމަތިލާން ތައްޔާރަށް ހުރިކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ކްލޮޕް ބުނީ އެންމެ ފަހުގެ ޗެމްޕިއަނުންވެގެން ލިބޭނެ އެއްވެސް މޮޅެއް އެއްވެސް މުބާރާތެއްގައި ނޯންނާނެކަމަށެވެ. އޭނާ ބުނީ ޓީމުގައި ހުރި މައްސަލަތައް ދެނެގަނެވި އެ މައްސަލަތައް ހައްލުކޮށް ކުރިއަށްދާން ވިސްނުމަކީ ކުރިއެރުން ހޯދުމަށް ލިބޭ ބާރެއްކަމަށާއި ފުޓްބޯޅައިގައި މަސައްކަތް ކުރަނީ އެގޮތަށް ކަމަށެވެ. ހުސްވި ސީޒަނުގައި ވަރަށް ގިނަ، ރަނގަޅު ކަންތައްތަކެއް ލިވަޕޫލްގެ ފަރާތުން ފެނުނު ކަމަށާއި މި ސީޒަނުގައި އެ ހިތްވަރާއެކު އޭނާގެ ޕްލޭނާ އެއްގޮތަށް ކުރިމަތިލާންޖެހޭ ޗެލެންޖުތަކަށް ޓީމު އޮތީ ތައްޔާރަށްކަމަށް ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއި އޭނާއާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި ލަމްޕާޑު ކުޅުނުއިރު އެއީ އޭނާ ވަރަށް ގަޔާވި ކުޅުންތެރިއެއް ކަމަށެވެ. މިހާރު ކޯޗެއްގެ ގޮތުގައި ލަމްޕާޑު ދަނީ ރަނގަޅު މަސައްކަތެއް ކުރަމުންކަމަށް ލިވަޕޫލަށް 30 އަހަރުފަހުން ލީގުގެ ތަށި ހޯދައިދިން ކޯޗު ބުންޏެވެ. ކްލޮޕް ބުނީ މި ދެކުލަބަކީ ހިންގުމުގެ ވައްޓަފާޅިޔާ އެހެނިހެން ކަންކަމަށް ބަލާއިރު އޭގެ ޒާތުގައި ތަފާތު ދެ ކުލަބު ކަމަށާއި ލިވަޕޫލުން ހަރަދުކުރާނީ ކުލަބަށް ލިބޭ މިންވަރުކަން ކަމަށެވެ.

އާދިއްތަ ދުވަހުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ކްލޮޕް ބުނީ ޓްރާންސްފާގައި ހޯދި ކުޅުންތެރިންނާއެކު ޗެލްސީގައި އޮތީ ގަބޫލްކުރަން ވެސް ދަތި މޮޅު ސްކޮޑެއްކަމަށެވެ. މިދިޔަ ސީޒަނުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުތަކަކީ އެހާ ފަސޭހަ މެޗުތަކެއް ނޫންކަން ލިވަޕޫލްގެ ކޯޗު ފާހަގަކުރިއެވެ.