ޚަބަރު

ކިތަންމެ ދަތި ޙާލަތެއްގައިވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓިގެންނުވާނެ - މަޖިލީހުގެ ރައީސް


ކިތަންމެ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވީނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ހުއްޓިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ހައިލެވެލް ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކެނޑުނަ ނުދިނުމަށްތަކައި ވާރޗުއަލްކޮށް ޖަލްސާތައް ކުރިއަށް ގެންދެވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވާރޗުއަލްކޮށް ނުވަތަ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދާނެ އުސޫލެއް ޤާއިމްކޯށް ބަހުސްތަކާއެކު މުހިންމު މަސައްކަތްތަކެއް މަޖިލީހުން ކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ހިތްޕުޅު ހަމަޖެހިވަޑައިގަންވާ މިންވަރަކަށް މަސައްކަތްކުރެއްވުނުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ވަނީ މިއީ ވާރޗުއަލްކޮށް ޖަލްސާތައް ބޭއްވި ފުރަތަމަ މަޖިލިސްކަން ފާހަގަކުރައްވާ ކިތަންމެ ދަތި ޙާލަތެއްގައިނަމަވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

ދޮޅޫމަހެއްހާ ދުވަހު ވާރޗުއަލްކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށްފަހު މަޖިލީހުގެ ތަޅުމަށް ޖަލްސާތައް ބޭއްވުން ބަދަލުކުރެއްވީ، ފޯރިގަދަ ބަހުސްތަކެއް ނުޞޭއްވި ރައްޔިތުންގެ ޝަޢުޤުވެރިކަމާއި ސަމާލުކަން ކުޑަވެދާނެތީކަމަށެވެ.

"ރައްޔިތުން ބަލާހިއްވާ ޝަޢުޤުވެރި މަޖިލީހަކަށް ހެދޭނީ މަޖިލީހުގަ ބަހުސްތައްކުރެވި ފޯރިގަދަކުރެވިގެން. ރައްޔިތުން މަޖިލީހަށް ސަމާލުކަންދޭގޮތެއް ހަދަންޖެހޭ." މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ވާރޗުއަލްކޮށް ބޭއްވި މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެކި ޕާޓީތަކަށް ނިސްބަތްވާ ތަފާތު ޚިޔާލުިގެ މެންބަރުންނާއެކު އުފެއްދުންތެރި ފޯރިގަދަ ޖަލްސާތަކެއް ކުރިަށްގެންދެވޭކަމަށާއި، ކޯވިޑް-19ގެ ދަތި ވަގުތުގައިވެސް ސަރުކާރުގެ ހިންގުމަށް ބޭނުންވާ މުހިންމު ނިންމުންތަކެއްވެސް ނިންމާފައިވަކަމަށެވެ.