ޚަބަރު

އޮފީސްތަކާއި ޢާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަން ފަށަނީ


ސަރުކާރާއި ޕްރައިވެޓް އޮފީސްތަކާއި ޢާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ތަންތަނުގައި އިންސްޕެކަޝަން ކުރިއަށްގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނިންމަވައިފިއެވެ. މި އިންސްޕެކްޝަނަކީ ކޯވިޑް-19އިން ރައްކާތެރިވުމަށް، މިފަދަ މާޙައުލުތަކުގައި ޢަމަލުކުރުމަށް އެޗްޕީއޭއިން އަންގާފައިވާ ގަޢިޑްލައިންތަކަށް ޢަމަލުކުރޭތޯ ބެލުމަށް މާލެ ސަރަޙައްދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ. އެޗްޕީއޭއިން ވިދާޅުވީ ރެންޑަމްކޮށް ކުރިއަށްގެންދާ އިންސްޕެކްޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ދުވަހުން ފެށިގެންކަމަށެވެ.

މި އިންސްޕެކްޝަނަކީ އެޗްޕީއޭއިން މިހާރުވެސް ފަށައިގެން ކުރިއަށްގެންދާ ޢާއްމު ޚިދުމަތްދޭ ތަންތަނުން އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރޭތޯ ބެލުމަށް ކުރިއަގެންދާ މަސައްކަތުގެ ބައެކެވެ. ގައިޑްލައިނާއި އެއްގޮތަށް ޢަމަލުނުކުރާ ތަންތަނާމެދު، އެޗްޕީއޭގެ އުސޫލުތަކުގެދަށުން ފިވަވަޅުއަޅަމުންދާނެކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ޤަވާޢިދާ ޚިލާފުވާނަމަ ފިޔަވަޅުއެޅުމަށް ހަމަޖެހިފައިވާ އުސޫލުު:

  • އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރުން
  • އުސޫލާ ޚިލާފުވާ ދެވަނަ ފަހަރު ތަން ބަންދުކުރުމަށްފަހު 1000ރުފިޔާއިން ޖޫރިމަނާކުރުން (2ވަނަ ފަހަރު ތަން ބަންދުކުރާނީ 3 ދުވަހަށް)
  • އުސޫލާއި ޚިލާފައިވާ 3ވަނަ ފަހަރު ތަން ބަންދުކުރުމަށްފަހު 1000ރުފިޔާއިން ޖޫރިމަނާކުރުން. (3ވަނަ ފަހަރު ތަން ބަންދުކުރާނީ 5ދުވަހަށް)

އެޗްޕީއޭއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މި އިންސްޕެކްޝަންތައް ހިންގަން ފަށާފައިވަނީ ޖުލައިމަހު ދިން ލުއިތަކާއެކުއެވެ. އެގޮތުން މިހާތަނަށް މީގެ 3 އިންސްޕެކްޝަންވަނީ ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ބުރުތަކުގައިވަނީ ކޭފޭ ރެސްޓޯރަންޓާއި، ފިހާރަތަކާއި، ބޯކޮށާ ތަންތަނާއި ސެލޫންތަކުގައި ޚިދުމަތްދޭއިރު އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރޭތޯ ބަލާފައެވެ. އަދި ފިޔަވަޅުތައް އެޅުމުގައި އިޙުމާލުވެފައިވާ ފަރާތްތަކަށް ނަސޭހަތްދިނުމާއި، ޖޫރިމަނާކޮށް، ޚިދުމަތްދޭ ތަން ބަންދުކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކުގައި 2900ތަނެއް ބަލައި، 207ތަނަކާއިމެދު ފިޔަވަޅުއަޅާފައިވެއެވެ.