ވިޔަފާރި

ސްވިޓްޒަލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް މިމަހު 26ގައި ފަށަނީ


ސްވިޓްޒަލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް މިމަހުގެ 26 ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ސްވިޓްޒަލެންޑުން ރާއްޖެއާ ދެމެދު ބާއްވާ ސީދާ ދަތުރުތައް ކުރާނީ ސްވިޓްޒަލެންޑުގެ ލެޝުއަރ އެއަރލައިނެއްކަމަށްވާ އެޑެލްވެއިސްއިންނެވެ.

ކޯވިޑް-19 އަށްފަހު އެ އެއަރލައިންގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ސްވިޓްޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެޑެލްވެއިސްގެ ޗީފް ކޮމާޝަލް އޮފިސަރ ޕެޓްރިކް ހޭމަން ވިދާޅުވީ ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރާނެކަމަށެވެ. އަދި އެއަރލައިންގެ ވެބްސައިޓުން އަންނަ އަހަރުގެ ސެޕްޓެމްބަރުމަހާއި ހަމައަށް ރާއްޖެ އައުމަށް ބުކިންގ ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެއެވެ.

ސްވިޓްޒަލޭންޑުން ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާއިރު، އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން 33 ހާހަށްވުރެ ގިނަ ފަަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ސްވިޒަލޭންޑްގެ އެޑެލްވެއިސްއިން މިމަހުގެ 26 ވަނަ ދުވަހު ދަތުރުތައް ފެށުމުން އެ އެއަރލައިން ވެގެންދާނީ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާ 9 ވަނަ އެއަރލައިންއަށެވެ. އެޑެލްވެއިސްއިންގެ އިތުރުން ރަޝިއާގެ ފްލެގް ކެރިއާ އޭރޯފްލޮޓާއި، ޤަތަރު އެއަރވޭސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން، އެއަރ އިންޑިއާ އަދި އިންޑިގޯއިން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި ދުނިޔޭގެ އެހެން ބައެއް އެއަރލައިންތަކުންވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އަލުން ފެށުމަށް މިހާރު ޝެޑިއުލްކުރަމުން އަންނަކަމަށް އެމްއޭސީއެލްއިން ބުނެއެވެ.