ކުޅިވަރު

ވަޒީފާއާ މެދު އެއްވެސް ހާސްކަމެއް ނެތް: ޓުޗެލް


ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވުމުން އޭނާގެ ވަޒީފާއާ މެދު އެއްވެސް ހާސްކަމެއް ނެތްކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް ބުނީ މިވަގުތު ކްލަބަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ކަންބޮޑުވުން އޮތް ނަމަވެސް އޭނާގެ މަގާމާ މެދު ހާސްކަމެއް ނެތްކަމަށާއި ކުޅިވަރުގައި ކާމިޔާބީއާ ނާކާމިޔާބު އެކުލެވޭކަމަށެވެ. އެންމެފަހުން ލީގުގައި މާސޭއަތުން ބަލިވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ނޭމާއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައި ނުވާތީ ޓުޗެލް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ އެމެޗުގައި ނޭމާއާ ނަސްލީގޮތުން މާސޭގެ ކުޅުންތެރިން ދިމާކޮށްފައިވާތީ އެމައްސަލައިގައި ނޭމާގެ ދިފާއުގައި ޕީއެސްޖީ ނުކުތް ނަމަވެސް މައްސަލަ ކުރިޔަށްދާ ގޮތެއް ސާފުނުވާކަމަށެވެ.

އެ މެޗުގައި ޕީއެސްޖީގެ ތިން ކުޅުންތެރިން ހިމެނޭގޮތައް ނޭމާއަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ. ރޭގަ ލީގުގައި ފުރަތަމަ މޮޅު ޕީއެސްޖީން ވަނީ ހޯދާފައެވެ. މެޒްއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ މެޗުގެ 90 ވަނަ މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ޖޫލިއަން ޑްރެކްސެލާ ކާމިޔާބު ކުރި ލަނޑުންނެވެ.

ރޭގެ މެޗުގެ ކުރިން ޕީއެސްޖީގެ ކޯޗު އެހެން ވާހަކަ ދެއްކި ނަމަވެސް ފްރާންސް ލީގުގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ކުޅުންތެރިންނާމެދު ފިޔަވަޅު އެޅިކަން މެޗަށްފަހު އިއުލާންކޮށްފައެވެ. މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ނޭމާ ދެމެޗަށް ސަސްޕެންޑުކުރިއިރު ޕީއެސްޖީގެ މިޑްފީލްޑަރ ލިއާންޑޯ ޕްރަޑައިސް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފައެވެ. އެންމެ ބޮޑު ސަސްޕެންޝަނެއް އައީ ޕީއެސްޖީ ފަހަތަށް ކުޅޭ ލާވިން ކުއާޒަވާއަށެވެ. އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑުކޮށްފައެވެ. މާސޭގެ ޖޯޑަން އަމާވީ ތިން މެޗަށް ސަސްޕެންޑްކުރި އިރު އެޓީމުގެ ޑާރިއޯ ބެނެޑެޓޯ ވަނީ އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ.

ދެ ކުލަބުން ވެސް މިހާރު ވަނީ ކުޅުންތެރިންގެ ސަސްޕެންޝަނަށް އެޕީލްކުރުމަށް ނިންމާފައެވެ.