ތަޢުލީމު

އުނގޫފާރުގައި ބޭރު ޔުނިވަރސިޓީއެއްގެ ޑިގްރީ ޕްރޮގްރާމެއް ފަށައިފި


މާލެއިން އުތުރުގެ ރަށެއްގައި ފުރަތަމަ ފަހަރަށް ފަށާ ރާއްޖޭން ބޭރު ޔުނިވަރސިޓީއެއްގެ ޑިގްރީ ޕްރޮގްރާމް އުނގޫފާރު ލާރނިންގ ސެންޓަރުގައި ރޭ ފަށައިފިއެވެ.އިނގިރޭސިވިލާތުގެ ވެސްޓް ލަންޑަންގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޕްރޮގްރާމު އުނގޫފާރުގައި ފެށީ ވިލާކޮލެޖުން އެރަށުގައި ފެށި ކޯސްތަކަކާއެކުގައެވެ. ވިލާކޮލެޖުން މި މަހުވަނީ ރ.އަތޮޅުގައި ބައެއް ކޯސްތައް ފަށާފައެވެ. އުނގޫފާރުގެ އިތުރުން ހުޅުދުއްފާރުގައިވެސް ކޯހެއް ކުރިއަށްދާކަމަށް ވިލާކޮލެޖުން މައުލޫމާތުދެއެވެ. އުނގޫފާރުގައި ހިންގާ ޑިގްރީ ޕްރޮގުރާމުގެ އިތުރުން ޓީޗިން ކޯސްތައްވެސް ފަށާފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު ކޯސްތައް މާލެނުގޮސް ހިންގުމުގެ މަގު ފުރުސަތު އުނގޫފާރު ލާރނިގ ސެންޓަރުގައި އޮންނާނެކަމަށް ވިލާކޮލެޖުގެ ރެކްޓަރ އަހުމަދު އަންވަރު ވިދާޅުވިއެވެ. އަންވަރު ވިދާޅުވީ، ވިލާކޮލެޖާއެކު ފެށި ޕްރޮގްރާމުތަކުގައި ރާއްޖޭގެ ފަންނީ އިލްމީ ޤާބިލު ފަރާތްތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނެކަމަށެވެ. އަދި ދިވެހި ދަރިވަރުންނަކީ ތޫނުފިލި ބައެއްކަން ސާބިތުކޮށްދެމުންދާކަމަށާއި އެކަން އުނގޫފާރު ލާރނިން ސެންޓަރުންވެސް ސާބިތުކޮށްދޭނެކަމަށް އުންމީދު ކުރާކަމަށެވެ.ވިލާކޮލެޖުގެ ކޯސްތައް ފުރަތަމަ ފަހަރަށް ރ.އަތޮޅުގައި ފެށިއިރު ރާއްޖޭގެ ބައެއް އެހެން ކޮލެޖުތަކާއެކުވެސް ރ.އަތޮޅުގެ ރަށްރަށުގައި ދަނީ ކޯސްތައް ހިންގަމުންނެވެ. އޭގެތެރޭގައި ޓީޗިންގެ ކޯސްތައް ހިމެނޭކަމަށް މައުލޫމާތުލިބެއެވެ.