ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ވީކަމަށް ނިންމައި އަދި ދޫދެވޭނެފަދަ ޙާލަތެއް ނެތްކަމަށް އެޗްޕީއޭގެ އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. ޑރ.އަފްޒަލް ވަނީ މާލޭގައި ބަލިމަޑުކަން ފެތުރެމުންދާއިރު ފެންނަމުންދަނީ ކަންބޮޑުވާފަދަ މަންޒަރުތަކެއްކަން ފާހަގަކުރައްވާފައެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ މާލޭގެ މަގުތަކަށް ބަލާއިރު ބަލިމަޑުކަމެއް ފެތުރެމުންދާ ތަނަކުން ފެންނަންޖެހޭ ފަދަ މަންޒަރެއް ނުފެންނަކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވީ މާލޭގެ މަގުތަކުގައި ގިނަ ބަޔަކު ޙަރަކާތްތެރިވާ މަންޒަރާއި ގުރޫޕު ހަދާފައި އުޅޭ މީހުން މަގުތަކުން ފެންނަ ކަމަށާއި މިއީ ބަލިމަޑުކަމެއް ފެތުރެމުންދާއިރު ކަންބޮޑުވާންޖެހޭފަދަ ކަންތައްތަކެއް ކަމަށެވެ. އަދި ބަލި ފެނިފައިވާ އެއްވެސް ރަށެއްގައި މީހުން އެއްވެ އުޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ކޭސްތައް އިތުރުވެ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން މަޖުބޫރުވާ ހިސާބަށް ނުދަނީސް މި ބަލީގެ ނުރައްކާތެރިކަމާމެދު ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ޑރ.އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އާންމުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދޭތޯ ބަލަމުންދާ ކަމަށާއި ހާލަތު ކޮންޓްރޯލުން ނެއްޓިގެންދާން ދޫކޮށްނުލައްވާނެކަމަށްވެސް ޑރ.އަފްޒަލްވަނީ ވިދާޅުވެއެވެ.
"އަޅުގަނޑުމެން ކަރަންޓީންކޮށް ބަލަމުން އަންނަ ދެރަށަކުން ބަލި ފެނުމުން އެބަދޭހަވޭ ވަރަށް ބޮޑުކަމެއް. އަޅުގަނޑުމެން އެގޮތަށް ކަރަންޓީން ނުކުރާނަމަ އަދި ކިހާބަޔަކު ޕޮޒިޓިވްވާނެތޯ؟ އެހެންކަމުން ރަށްރަށުގައިވެސް މިދުވަސްވަރު ބޭރުގައި އުޅޭ އުޅުން ވީހާވެސް މަދުކޮށް ބޭރުގައި އުޅޭއިރުވެސް ރައްކާތެރިކަން އެބަ އިސްކުރަންޖެހޭ."ޑރ.އަފްޒަލް ވިދާޅުވިއެވެ.
ފުރަބަންދަށް މިހާރު ދީފައިވާ ލުއިތަކާއެކު އާންމު އެއްވުންތަކާއި އިޖުތިމާޢީ އެއްވުންތައް އިތުރުވަމުންދާއިރު މިފަދަ ކަންކަމުގެ ސަބަބުން ކޯވިޑް-19 ފެތުރުން އިތުރުވެދާނެތީ ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި މިފަދަ އެއްވުންތައް ބާއްވާކަމުގެ މަޢުލޫމާތު އެނގޭނަމަ އެކަން އެންގުމަށް އެޗްޕީއޭއިންވެސް ވަނީ އެދިފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެ ފުރަބަންދަށް ދިން ލުއިތައް ހަރުކަށިކޮށް މާލޭގައި ބޭރަށް ނުކުމެ އުޅުން މަނާ ވަކި ވަގުތުތަކެއްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00އަށް މާލޭގައި އެއްގަމު ދުއްވާ އެއްޗިހީގައި ގްރޭޓަރ މާލެ ސަރަޙައްދުގައި އުޅުމަކީ މަނާކަމެކެވެ. އަދި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 ޖެހުމާހަމައަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ.