ޚަބަރު

ލީބިޔާގައި ސުލްޙަ ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ޚާއްޞަ މަންދޫބަކު ކަނޑައަޅަނީ


ލީބިޔާގައި ސުލްޙަ ޤާއިމްކުރުމުގައި މެދުވެރިއަކަށްވުމަށް ޚާއްޞަ މަންދޫބެއް ޢައްޔަނުކުރުމަށް އދގެ ސެކެޓްރީ ޖެނެރަލް، އެންތޮނިއޯ ގުތޭރެޝްގެ އަރިހުން އދގެ ސަލާމަތީ މަޖިލީހުން އެދިއްޖެއެވެ.

އދން ބަލައިގަނެފައިވާ ލީބިޔާގެ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި އިދިކޮޅު ޚަލީފާ ހަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއާމެދު ކުރިމަތިލުންތައް ހިންގާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. އެ ހަމަނުޖެހުންތަކުގައި މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ. ޖީއެންއޭއަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ.

މިދިޔަ މާރޗު މަހުގެ ތެރޭގައި ލީބިޔާގައި ހަރަކާތްތެރިވާ އދގެ ވަފުދުގައި އިސްކޮށް ހުންނެވި އަދި ލީބިޔާގައި ސުލްޙަ ޤާއިމްކުރުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ޣައްސާން ސަލާމްވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ. އެއަށްފަހު އެ މަސައްކަތާ ހަވާލުވާނެ އެހެން ފަރާތެއް ގުތޭރެޝްވަނީ ނުރަސްމީކޮށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެމެރިކާއިން ބޭނުންވީ އދގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތާއި ސުލްޙަ ޤާއިމްކުރުމުގެ މަސައްކަތާ ހަވާލުވާ ފަރާތަކީ ދެ ފަރާތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުންވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. އެ ހުށަހެޅުމާ ގުޅޭގޮތުން ރަޝިޔާއާއި ޗައިނާއިން ވޯޓުލާފައެއް ނުވެއެވެ. ވޯޓުގައި ބައިވެރިނުވީ އެ ޤައުމުގެ ހުށަހެޅުންތައް ޤަރާރުގައި ހިމަނާފައި ނުވާތީކަމަށް ދެ ޤައުމުންވެސް ވަނީ ބުނެފައެވެ.

އދގެ ސެކެޓްރީ ޖެނެރަލް، ގުތޭރެޝް ވިދާޅުވީ އަލަށް ފާސްކޮށްފައިވާ ގޮތާ އެއްގޮތަށް އައު ބޭފުޅަކު އެ މަޤާމަށް ހަމަޖެއްސުމުގެ މަސައްކަތް އދ.ން ކުރާނެކަމަށެވެ. ބޭފުޅަކު ޢައްޔަނުކުރެއްވުމުގައި ސަލާމަތީ މަޖިލީހުގެ ލަފާ ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ. ގުތޭރެޝް ވިދާޅުވީ ލީބިޔާގެ މައްސަލައިގެ ތެރެއަށް ގިނަ ޤައުމުތަކަކުން ވަދެ މައްސަލައިގައި ހިމެނޭ ދެ ފަރާތަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާތީ ހައިރާންވެވަޑައިގަންނަވާކަމަށެވެ. އެއީ އދ ގެ ސަލާމަތީ މަޖިލީހުން ހަތިޔާރު ވިއްކުން މަނާކުރާ މުއާހަދާއާ ޚިލާފުކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.