ޚަބަރު

އޮޑިޓް ރިޕޯޓުގައި މަޢުލޫމާތު ހިމަނާފައިވަނީ އޮޅޭގޮތަށް - އެންޑީއެމްއޭ


ކޯވިޑް-19އާ ގުޅޭ ޚަރަދުތައް ކުރުމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ޤަމަލުކޮށްފައިވާ ގޮތާ ގުޅޭ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ގިނަ ކަންތައްތައްވަނީ މަޢުލޫމާތު އޮޅޭގޮތަށްކަމަށް އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އޮޑިޓްގައި ހިމަނާފައިވާ ކަންކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައިވާހެން ހޯދާފައިނުވާ ޚިދުމަތަކަށް ފައިސާ ދައްކާފައި ނުވާނެކަމަށެވެ. އަދި އެއްބަސްވުމަކާ ނުލައި އުސޫލުތަކާ ޚިލާފަށް ފައިސާގެ މުޢާމަލާތެއް ހިންގާފައިވެސް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން، ބައެއް މީހުންނަށް ނިދައި ކައިބޮއި ހެދުމަށް އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމާގުޅިގެން ޙިސާން ވިދާޅުވީ އިސްސަފުގައި މަސައްކަތްކުރާ މީހުން ބޭތިއްބުމަށް 85އަށްވުރެ ގިނަ ގެސްޓްހައުސްއަކުން 1000އަށްވުރެ ގިނަ ކޮޓަރި ހަމަޖެއްސިކަމަށެވެ. ނަމަވެސް ކޮޓަރިތަކުގައި ބައިތިއްބާނެ މީހުން ކަނޑައަޅާފައިވާނީ އެކަމަކާއި ގުޅޭ މުއައްސަސާތަކުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ލިޔެކިޔުމާއި، ފައިސާ ދައްކަންޖެހޭ ރޭޓްތައް ހަމަނުޖައްސައި އެއްވެސް ގެސްޓްހައުސްއެއް ހިފާފައި ނުވާނެކަމަށެވެ. އަދި ހަމަޖެއްސި ގެސްޓްހައުސްތަކުގެ ޢަދަދަށްވުރެ އިތުރަށް ފައިސާ ދައްކާފައިވެސް ނުވާނެކަމަށެވެ.

މީގެ އިތުރުން ކެއުމުގެ ކަންކަން ބެލެހެއްޓުމުގައި އެކި ޢަދަދުތަކުން އޯޑަރުދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައިވާ ވާހަކައަށް ރައްދުދީ، އެންޑީއެމްއޭއިން ވިދާޅުވެފައިވަނީ މިޢަދަދު، އެފެސިލިޓީއެއްގައި މީހުންތިބޭ މިންވަރަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ބަރޯސާވާކަމަށެވެ.

މީގެއިތުރަށް ބާޒާރުގައި ތަކެތިހުރި އަގަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވާ މައްސަލަތަކެއްވަނީ ފާހަގަކޮށްފައެވެ. ހިސާން ވިދާޅުވީ މުޢާމަލާތްތައް ހިންގާފައިވަނީ ވިހާވެސް އަވަހަށް ތަކެތި ފޯރުކޮށްދިނުމަށްކަމަށެވެ. ނަމަވެސް ފައިސާ ދެއްކިއިރު މި މައްސަލަތައް ފާހަގަވެ، އެފައިސާ އަނބުރާ ދަޢުލަތަށް ހޯދާފައިވާކަމަށާ، އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ބައެއް މައްސަލަތަކަކީ މާކުރިން އެކަންކަން ޙައްލުކޮށް ނިންމާފައިވާ ކަންތައްތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިޕޯޓްގައި އެބައޮތް އަގުބޮޑުކޮށް ތަކެތި ގަނެގެން ތޭވީސް ހާސް ރުފިޔާގެ އިޝޫއެއް. އެއީ ތޭވީސް ހާހެއްނޫން، އަށާވީސް ހާސް ރުފިޔާގެ އިޝޫއެއް. މިމައްސަލަ އަޅުގަނޑުމެންނަށް މާކުރިން ފާހަގަވެ، އޮޑިޓް ނެރުމުގެ މާކުރިން ފައިސާ އަންބުރާ ހޯދާފައިވަނީ." ހިސާން ހަސަން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އޮޑިޓްގައި ބަލަންވާ މިންވަރަށް ނުބަލައި، ގިނަ މަޢުލޫމާތުތައް ހިމަނާފައިވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށްވަނީ ހަރުމުދަލުގެ ގޮތުގައި ގިނަ އެހީތަކެއް ލިބިފައެވެ. އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައިވަނީ މިތަކެތީގެ އިންވެންޓްރީ ބަލަހައްޓާފައި ނުވާކަމަށާއި، އަދި ލިޔެކިޔުންތަކާއި ތަކެތި ބެހިގޮތުގެ ތަފްސީލްވެސް އެނގެން ނެތްކަމަށެވެ. ހަރުމުދަލުގެ ގޮތުގައި އެހީގައި ލިބުނު ތަކެތި އެންޑީއެމްއޭގެ ގުދަނާއި ސްކޫލްތަކާއި އެކުވެނީގެ ކްރިކެޓްކޯޓުގައި ސްޓޮކްކޮށްފައިވެއެވެ.

"އެންޑީއެމްއިން ތަކެތި ޙާވާލުކުރުމުގެ ކުރިން ކޮންމެ ފޮށިގަނޑެއް ކަނޑައި ވަކިވަކިން ލިބުނު ތަކެތީގެ މަޢުލޫމާތު ނަގާފައިވާނެ. އަދި އެތަކެތީގެ ފުރިހަމަ މަޢުލޫމާތު އޮޑިޓް އޮފީހާ ޙިއްސާކުރިން. އަދި އެހީތަށް ތަންތަނަށް ފޯރުކޮށްދެވިފައި ވާކަންވެސް ކަށަވަރުކޮށްފައިވާނެ." ޙިސާން ވިދާޅުވިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ދަޢުލަތުގެ ބިމެއްގައި ޤާއިމުކޮށްފައި ނުވުމުގެ ކަންބޮޑުވުންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިބިމަކީ އެއްވެސް ކުއްޔަށްދޭން ނުޖެހޭ ބިމެއްކަމަށާއި، މިކަމާއި ގުޅޭ އެގްރިމެންޓްތައްވެސް އެބަހުރިކަމަށް ހިސާން ވިދާޅުވިއެވެ. އަދި މި އެއްބަސްވުންތަކުގައި ވާގޮތުން އެއްވެސް ގެއްލުމަށް ދަޢުލަތަށް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން އެންޑީއެމްއޭއިންވަނީ ދީފައެވެ.