ދުނިޔޭގެ ވިޔަފާރި

ފޭސްބުކްއިން ސިންގަޕޫރުގެ ކުދި ވިޔަފާރިތަކަށް އެހީވަނީ


ސިންގަޕޫރުގެ ކުދި ވިޔަފާރިތަކަށް ފޭސްބުކްއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ފޭސްބުކްއިން ބުނާގޮތުން ކޯވިޑްގެ ސަބަބުން އަސަރުކޮށްފައިވާ ސިންގަޕޫރުގެ ކުދި ވިޔަފާރިތަކަށް 4.75 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ފޭސްބުކްއިން ދޭ އެހީގެ ދަށުން 800 އެއްހާ ވިޔަފާރީއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2 މީހުންނާއި 50 މީހުންނާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ގެންގުޅޭ ކުދި ވިޔަފާރިތައްކަމަށް ފޭސްބުކްއިން ބުނެއެވެ.

ފޭސްބުކްއިން ފޯރުކޮށްދޭ އެހީގެ ދަށުން ކޮންމެ ވިޔަފާރިއަކަށް 5500 ޑޮލަރުގެ އެހީއެއް ދޭނެއެވެ. އޭގެތެރޭގައި ފައިސާއިން ފޯރުކޮށްދޭ 3500 ޑޮލަރާއި ކްރެޑިޓްގެ ގޮތުގައި ދޭ 2000 ޑޮލަރު ހިމެނެއެވެ. ފޭސްބުކްއިން ފޯރުކޮށްދޭ އެހީ ހޯދުމަށް ވިޔަފާރިކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުނިތަކުން ހުށަހެޅޭނެކަމަށް ފޭސްބުކްއިން ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ނެރެފައިވާ ރިޕޯޓްތައް ބުނާގޮތުން ސިންގަޕޫރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 58 އިންސައްތަ ވިޔަފާރިއަށް ކުރިއަށް އޮތް ދުވަސްތަކުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވާނޭކަމަށް އެ ވިޔަފާރިތަކުން ވަނީ ބުނެފައެވެ.

ސިންގަޕޫރުގެ ވިޔަފާރިތަކުގެ އިތުރުން، ދުނިޔޭގެ 30 އަށްވުރެ ގައުމުން 30 ހާހަށްވުރެ ގިނަ ވިޔަފާރިތަކަށް ފޭސްބުކްއިން އެހީވާނެއެވެ. އަދި އެކަމަށް ފޭސްބުކްއިން 100 މިލިއަން ޑޮލަރުގެ ހޭދަކުރާނެއެވެ.