ދުނިޔޭގެ ވިޔަފާރި

ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ނަގަން އެމެރިކާއިން ނިންމީ ވިޔަފާރި އުސޫލުތަކާ ޚިލާފަށް


ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް އެމެރިކާއިން 2018 ވަނަ އަހަރު ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިގެ އުސޫލުތަކާއި ޚިލާފު ނިންމުމެއްކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިއުޓީއޯއިން ބުނެފިއެވެ.

ޑަބްލިއުޓީއޯއިން މިހެން ބުނެފައިމިވަނީ، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް އެމެރިކާއިން ނިންމި މައްސަލައިގައި ޗައިނާއިން އެ މައްސަލަ އެ އިދާރާއަށް ހުށަހެޅުމުން، އެމައްސަލަ ބެލި ޑަބްލިއުޓީއޯގެ ޕެނަލްއިން ތައްޔާރުކުރި ރިޕޯޓްގައެވެ.

ޑަބްލިއުޓީއޯގެ ޕެނަލްއިން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވަނީ 2018 ވަނަ އަހަރު ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ނަގަން ފަށާފައިވަނީ ބައިނަލްއަޤްވާމީ ވިޔަފާރީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށެވެ. އެގޮތުން މި ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ނިންމި ސަބަބުގެ ހެކިވެސް ދެއްކިފައިނުވާކަމަށް ޑަބްލިއުޓީއޯގެ ރިޕޯޓުގައިވެއެވެ.

ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް އެމެރިކާއިން ނިންމީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދޭކަމަށް ބުނެއެވެ.

ޑަބްލިއުޓީއޯގެ ޕެނަލްއިން ބުނީ އެމެރިކާގެ މި ތުހުމަތުތައް ސާބިތުކޮށްދޭ ވަރުގެ ހެއްކެއް އެ ޤައުމުން ހުށަހަޅާފައި ނުވާކަމަށެވެ. އަދި މިމައްސަލައިގައި ޗައިނާއިން އަމަލުކުރީ ކިނިނެތްތޯ ބަލާފައި ނުވާކަމަށާއި، އެއީ ޗައިނާގެ މައްސަލަ އެމެރިކާއިން ޑަބްލިޔުޓީއޯއަށް ހުށަހަޅާފައިނުވާތީކަމަށެވެ.

އެމެރިކާއިން ވަނީ ޑަބްލިޔުޓީއޯގެ ނިންމުން ބަލައިނުގަންނާނެކަމަށް ބުނެފައެވެ. އެމެރިކާއިން ވަނީ ޑަބްލިއުޓީއޯއަކީ ޗައިނާ ޖަވާބުދާރީކުރުވޭވަރުގެ ބާރެއްވެސް އަދި ޤާބިލުކަމެއްވެސް ލިބިފައިވާ އިދާރާއެއް ނޫންކަމަށް ބުނެފައެވެ.

ވިޔަފާރި މަޝްވަރާތަކުގައި އެމެރިކާ ތަމްސީލްކުރައްވާ އެންމެ އިސް މަންދޫބް އެމްބެސެޑަރ ރޮބަރޓް ލައިތިޒަރ ވިދާޅުވީ އެހެން ޤައުމުތަކުން ވިޔަފާރީގައި ހިންގާ ހަމަހަމަ ނޫން އުސޫލުތަކުން އެމެރިކާއަށް ލިބޭ ގެއްލުމުން ދިފާޢުވުުމުގެ ޙައްޤު އެ ޤައުމަށް ލިބިފައިވާކަމަށެވެ.

ޑަބްލިއުޓީއޯގެ މި ނިންމުމަށް ޗައިނާއިން ވަނީ މަރުޙަބާ ކިޔާފައެވެ. މިކަމާއި ގުޅޭގޮތުން ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޑަބްލިއުޓީއޯގެ ޕެނަލްއިން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާކަންކަމަށް އަމަލުކޮށް، ޑަބްލިއުޓީއޯގެ ނިންމުމަށް އެމެރިކާއިން އިހުތިރާމުކުރުމަށް ގޮވާލާފައެވެ.

ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރަކީ ޑަބްލިއުޓީއޯއަށް އަބަދުވެސް ފާޑުކިޔުންތައް އަމާޒުކުރި ސަރުކާރެއްކަމުން، ޑަބްލިއުޓީއޯގެ މި ނިންމުމުގެ ސަބަބުން އެދެވޭ ބަދަލެއް އަންނާނެކަމަށް ނުބެލެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ޑަބްލިއުޓީއޯގެ ނިންމުން އިސްތިއުނާފްކުރުމަށް އެމެރިކާއިން ހުށަހަޅާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީ ހަނގުރާމަ ހައްލުކުރުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދިޔަނަމަވެސް، މިހާތަނަށް އެމަޝްވަރާތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު އެބައޮތްކަމަށް އިޤްތިޞާދީ މާހިރުން ދަނީ ބުނަމުންނެވެ.