ޚަބަރު

ކޯވިޑް19: އެންޑީއެމްއޭގެ ޚަރަދުތަކާއިގުޅޭ ގިނަ ކަންތައްތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކޮށްފައިވާ ޚަރަދުތަކާއި ގުޅޭ އޮޑިޓް ރިޕޯޓްގައި އޮޓިޓަރ ޖެނެރަލް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފިއެވެ.

ކޯވިޑް-19އާއި ގުޅިގެން، 1 ޖަނަވަރީން، 30 ޖޫންގެ ނިޔަލަށް އެންޑީއެމްއޭއިން ކޮށްފައިވާ ޚަރަދުތަކާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓް މިހާރު ވަނީ އާންމު ކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން 12 ދާއިރާއިން ކުރި ޚަރަދުތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ. އެގޮތުން ދަތުރުފަތުރުގެ ފައިސާއާއި، ރިސާވް ސްޓޮކެއް ބެހެއްޓުމަށް އެސްޓީއޯއަށް ދިން ފައިސާއާއި، މެޑިކަލް ފެސިލިޓީއާއި، ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކާއި، ކެއިންބުއިމާއި، މެޑިކަލް ކޮންޒިއުމަބަލްސްއަށް އެންޑީއެމްއޭގެ ބެލުމުގެދަށުން ކޮށްފައިވާ ޚަރަދުތައް ހިމެނެއެވެ. މި މުއްދަތުގައި އެންޑީއެމްއޭއިންވަނީ 234 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި ކަނޑައެޅި ބަޖެޓުން ޚަރަދުކުރެވުނު ފައިސާ ކަނޑައި ބާކީ 722 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިހަމަށް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މި ކަންތައްތަކާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި މައިގަނޑު 7 ކަމެއް ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑްއާއި ގުޅިގެން އެންޑީއެމްއޭއިން ޚަރަދުކުރިގޮތާއި ގުޅޭގޮތުން 7 މައްސަލައެއް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ:

1- އެކަމަޑޭޝަން ހަމަޖެއްސުމުގައި ހުރި މައްސަލަތަކުގައި މާލެ ސަރަހައްދުން އެކަމަޑޭޝަން ހަމަޖެއްސި ގެސްޓްހައުސްތަކާއިއެކު އެއްބަސްވުން ތައްޔާރުކޮށްފައި ނެތުމާއި، ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މަޢުލޫމާތު ކަށަވަރުނުކޮށް ފައިސާ ދައްކާފައިވުމާއި، އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ފައިސާ ދައްކާފައިވުން ހިމެނެއެވެ.

2- ފެސިލިޓީތަކަށް ކެއުން ފޯރުކޮށްދިނުމަށް ކުރި ޚަރަދުތަކާއި ގުޅޭ މައްސަލަ. އެގޮތުން މިކަމާއި ގުޅޭ ލިޔެކިޔުންތައް ފުރިހަމަ ނުވުމާއި، އެކި ގަޑިތަކުގެ ކެއުމަށް ބިލުކޮށްފައިވާ ގޮތުގެ އަދަދުތައް ތަފާތުކަން ފާހަގަކޮށްފައިވެއެވެ. އަދި 9.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ލިބުނު ޚިދުމަތަށްކަން ކަށަވަރުވެފައި ނުވާކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

3- ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ރެކޯޑްތައް އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައި ނުވުން. އެގޮތުން ތަކެތި ލިބުނު މިންވަރުގެ ރެކޯޑްތަކާއި، ގުދަންކުރުމާއި، ތަކެތި ބޭނުންކުރެވުނު މިންވަރުގެ މަޢުލޫމާތު ފުރިހަމައަށް އެނގެންނެތުން ހިމެނެއެވެ.

4- ދަޢުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ޤާއިމުކޮށްފައިވުން. މި ބިމަކީ ލޯނަކަށް ރަހުނުކޮށްފައިވާ ބިމެއްކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

5- އޯޑަރުކުރި ތަކެތި ލިބުނުކަން ކަށަވަރުނުކޮށް ތަކެތި ލިބުނުކަމަށް ސިސްޓަމްގައި ރެކޯޑްކޮށްފައިވުން. އަދި ބައެއް ތަކެއްޗަށް އޯޑަރުދީފައިވާއިރު، ތަކެތި ސަޕްލައިކުރަންޖެހޭ ތާރީޚް ބަޔާންކޮށްފައި ނެތުން ހިމެނެއެވެ.

6- ގަވައިދާ އެއްގޮތަށް ހަރުމުދަލާއި ހަރުމުދަލުގެ ރެކޯޑް ބަލަހައްޓާފައި ނުވުން. އެންޑީއެމްއޭގެ ބަޖެޓުން ޚަރަދުކޮށް ގަނެފައިވާ ތަކެއްޗާއި، އެ އިދާރާއަށް އެހީގެ ގޮތުގައި ލިބުނު ތަކެތީގެ މަޢުލޫމާތު ގަވައިދުގައި ވާގޮތަށް ހަރުމުދަލުގެ ރެޖިސްޓްރީގައި ހިމަނާ ރެޖިސްޓްރީ ތައްޔާރުކޮށްފައި ނުވެއެވެ.

7- ބާޒާރުގައި މުދާ ލިބެންހުންނަ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވުން. އެގޮތުން ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތި ބޮޑު އަގުގައި ގަނެފައިވުމާއި، އާއްމުކޮށް މުދާ ލިބެން ހުންނަ އަގަށްވުރެ ބޮޑުއަގުގައި ތަކެތި ގަނެފައިވުންވެސް ހިމެނެއެވެ.

މި މައްސަލަތަކާއި ގުޅިގެން ކަންކަން އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުންވަނީ ލަފާދީފައެވެ. އެގޮތުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ ހޯދުމާއި، ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާއިމެދު ފިޔަވަޅުއެޅުމަށް އިކޮނިމިކް ޑިވެލޮޕްމަންޓަށް ހުށައެޅުމަށް އަންގާފައިވެއެވެ.

އަދި ޕަބްލިކް އެކައުންޓިންގް ސިސްޓަމްގައި ކަނޑައަޅާފައިވާ އެކަމަށް ޚާއްސަ ބަޖެޓް ކޯޑްތަކުން ޚަރަދުކުރުމާއި، އަދި ހަރުމުދާ ދެނެގަނެ އެތަކެތި އުސޫލުގެދަށުން ރެޖިސްޓްރީގައި ހިމަނަމުން ގެންދިއުމަށްވަނީ ލަފާދީފައެވެ.

މީގެ އިތުރުން ބައެއް ޙާލަތްތަކުގައި ނުރަނގަޅަށް ހިންގާފައިވާ ފައިސާގެ މުޢާމަލާތްތައް ބަލައި، ފައިސާ އަނބުރާ ހޯދުމަށްވެސް އޮޑިޓް ރިޕޯޓްގައި ލަފާދީފައިވެއެވެ. ފައިސާ ދިނުމާއި ގުޅޭ ކަންކަމުގެ މައްސަލަތަކާއި، އެހީގެ ގޮތުގައި ލިބޭ ތަކެތީގެ ސްޓޮކް އެކަށީގެންވާގޮތުގައި ބަލަހައްޓާފައި ނުވާތީ ފިނޭންސް މިނިސްޓްރީއިން އެ މައްސަލަ ބެލުމަށްވެސް ވަނީ އަންގާފައެވެ.

އަދި ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހަދާފައިވާ ބިމާއި ގުޅިގެން، އެބިމާއި އިމާރާތް އިތުރަށް ބޭނުންކުރާނެގޮތުގެ ޕްލޭނެއް ހެދުމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ އަންގާފައެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައިވަނީވަނީ މިކަންކަމާއި ގުޅޭ ތަފްސީލީ މަޢުލޫމާތުތައް ހިމަނާފައެވެ.